ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން މަޖިލިސް ގޭގެ ތެރޭގައި އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގައިފި ނަމަ އެ ފަރާތަކާ މެދު "ވަގުތުން" ފިޔަވަޅު" އެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލަށާއި ފުލުހުންގެ މުއައްސަސާ އަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލި މާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ކަންކަމަކީ ޕީޕީއެމްގެ މެޖޯރިޓީ އޮވެމެ އަބަދު ބަލަން ތިބެވޭނެ މަންޒަރުތަކެއް ނޫން ކަމަށެވެ.

"މި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް ހުއްދަ އޮންނަނީ އެންމެ ކަމަކަށް. އެއީ އިސްލާމް ދީނުގެ އަސްލަކާ އުސޫލަކާ ހިލާފު ނުވާ ގޮތެއްގެ މަތިން އެ މެމްބަރަކު ފާޅުކުރާ ހިޔާލަކަށް އޭނާ އަށް މައްސަލަ ނުޖެއްސޭނީ އެއްވެސް ކޯޓެއްގައި. އެ ނޫން ހުރިހާ ކަންތައްތަކުގައި، ޕްރޮސިކިއުޓާ ޖެނެރަލެއް އެބަ ހުންނެވި. ޕީޖީ އަށް ވެސް އަޅުގަނޑު ދަންނަވާލަން، ރާއްޖޭގެ ފުލުހުންގެ އިދާރާ އަށް އަޅުގަނޑު ދަންނަވަން ގަޔަށް އަތްލައި މާރާމާރީ ހިންގާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށް،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ޖިނާއީ ކުށްތައް ކުރާ ހިސާބަށް "ފުރޮޅެން" ފަށާފައިވާ ކަމަށެވެ. ނިހާން ވަނީ އޭނާގެ މޭމަތީގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޖަހާފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި މިއަދު އައިސްގެން އުޅެނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ބޭނުންވާ މެމްބަރުންތަކެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ނިހާން ވިދާޅުވީ އޭނާގެ ގައިގާ އަލީ އާޒިމް ޖެހި މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިއަދު ހެނދުނު 9:00ގައި ޖަލްސާ ފެށުމާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައި، އަޑު ގަދަކޮށްފަ އެވެ. އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހްތިޖާޖު ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ވާތީ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލުމުގެ ގޮތުންނެވެ.