ވެށިފަހި މާލޭ ޕްރޮޖެކްޓުގެ ދަށުން މާލޭން ނާއި ހުޅުމާލެ އިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދުމަށް ފޯމު ލުމުގެ މުއްދަތު ހަމަވުމުގެ މުއްދަތު 10 ދުވަހާ ގާތްވުމުން ފޯމުލުމަށް ހަދާ ކިޔު ދިގުވެ، ބާރުބޮޑުވެއްޖެ އެވެ.

މުނިސިޕަލްޓީގެ އިސް އޮފިޝަލެއް ކަމަށްވާ އަލީ ސޯލިހު މިއަދު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ހެނދުނު މުނިސިޕަލްޓީގެ ދޮރުމަތީގައި ދިގު ކިޔުއެއް އޮންނަ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އަދި ކޮންމެ ދުވަހަކު ވެސް ބަލައިގަނެވެނީ ގިނަވެގެން 500 ވަރަކަށް ފޯމް ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް އޮފީސް ހުޅުވާ ގަޑިއަށް މީހުން މިތިބެނީ ކިޔުޖެހިފައި. އަޅުގަނޑުމެން ނަމްބަރު ދޫކޮށްގެން މި ފޯމް ބަލައިގަންނަނީ މިހާރު. އެއީ މުވައްޒިފުންނާއި ތަނުގެ ވަސީލަތްތައް ހުރި މިންވަރަކުން ވާވަރު،" ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ނަމްބަރު ދޫކުރަނީ ކިޔު ތަރުތީބުން ކަމަށާއި ކޮންމެ ދުވަހަކު ވެސް ދޫކުރާ ނަމްބަރުތައް ހުސްވަންދެން ހިދުމަތް ދެމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު މުނިސިޕަލްޓީން އިއުލާން ކުރި ވެށި ފަހި މާލޭ ޕުރޮޖެކްޓަށް މިހާތަނަށް 20000 ފޯމް ނަގާފައިވާ ކަމަށް މުނިސިޕަލްޓިން ބުންޏެވެ. ނަމަވެސް ފޯމް ލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާ އިރު އަދި ލިބިފައި ވަނީ 6000 ވަރަކަށް ފޯމުކަމަށް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން އުޅޭ ވެރި ރަށް މާލެ އިން، އިއުލާން ކުރި ވެށިފަހި މާލެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހިން ދޫކުރުމަށް ނިންމާފައި ވަނީ، މާލެ އާއި ހުޅުމާލޭން 1500 ހައުސިން ޔުނިޓާއި 250 ގޯތި ކަމަށް މުނިސިޕަލްޓީން ބުންޏެވެ.

މުނިސިޕަލްޓީން ބުނީ މާލޭގެ ކުދި ބިންތައް ހުރި ފަރާތްތަކަށް މާލޭން 500 ހައުސިން ޔުނިޓު ދިނުމަށް ނިންމާފައި ވާއިރު ހުޅުމާލެ އިން ދޫކުރަނީ 250 ހައުސިން ޔުނިޓް ކަމަށެވެ. އޭގެ އިތުރުން ހުޅުމާލޭން 1200 އަކަފޫޓުގެ 250 ގޯތި ވެސް ދިނުމަށް ނިންމާފައިވާ ކަމަށް މުނިސިޕަލްޓީން ވަނީ ބުނެފަ އެވެ.