ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން އދ. މަހިބަދޫގައި ކުރިއަށް ގެންދިޔަ އަންހެން އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތް އަތޮޅު ކައުންސިލާއި ޕްރީސްކޫލް އަދި ކޯޓުން އެކުލަވާލި ޓީމް ކާމިޔާބު ކޮށްފި އެވެ.

އެ މުބާރާތުގެ ޗެންޕިއަންކަން ކައުންސިލް، ކޯޓް އަދި ޕްރީސްކޫލް ޓީމް ހޯދީ ޕޮލިހާއި ފެނަކަ އަދި ޖެންޑާއިން އެކުލަވާލި ޓީމާ ދެކޮޅަށް ފައިނަލްގައިވާދަކޮށް، 9-7ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެނެވެ. މެޗުގެ ފުރަތަމަ ހާފްގައި ކައުންސިލް ޓީމް 3-2ގެ ނަތީޖާއަކުން ކުރީގައި އޮތް ނަމަވެސް، ދެވަނަ ހާފްގައި ޕޮލިސް ޓީމް ވަނީ ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 6-6 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވުމުން، ނަތީޖާ ނެރިފައި ވަނީ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ދެ ހާފް ކުޅެގެނެވެ. ފުރަތަމަ ހާފްގައި އަތޮޅު ކައުންސިލް ޓީމް ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ. އަދި ދެވަނަ ހާފްގައި ޕޮލިސް ޓީމް އެއް ލަނޑު ކާމިޔާބު ކުރި ނަމަވެސް، އެ ޓީމަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތް ނުވެފަ އެވެ.

މުޅިއަކު ފަސް ޓީމު ވާދަކުރި އެ މުބާރާތުގައި ކައުންސިލް، ޕްރީސްކޫލް އަދި ކޯޓުން އެކުލަވާލި ޓީމް ފައިނަލަށް ދަތުރުކުރީ މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، އެއް މެޗުން އެއްވަރު ވުމަށް ފަހު މުޅިއެކު 10 ޕޮއިންޓް ހޯދައިންނެވެ. އަދި ޕޮލިހާއި ފެނަކަ އަދި ޖެންޑާއިން ހޮވާލި ޓީމްވެސް ފައިނަލަށް ދަތުރުކުރީ ހަމަ އެ ނަތީޖާއާއެކު އެވެ.

މުބާރާތުގެ ފައިނަލް މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ޗެންޕިއަން ޓީމަށް ތައްޓާއި އިނާމް ހަވާލުކުރުމުގެ އިތުރުން، އެ މުބާރާތުގައި ވަނަވަނައަށް ހޮވުނު އެހެން ފަރާތްތަކަށް ވެސް ވަނީ އިނާމް ދީފަ އެވެ. އެގޮތުން މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮސްޕިޓަލް އޭ ޓީމް ހޮވުނު އިރު، މުޅި މުބާރާތުގެ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިއަކަށް ހޮވުނީ ކައުންސިލް، ޕްރީސްކޫލް އަދި ކޯޓު ޓީމުގެ މަރިޔަމް ޒާހިރާ އެވެ.

މި މަހުގެ ފަހަކުން ހަތަކަށް މަހިބަދޫގައި ބޭއްވި އަންހެނުންގެ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތަކީ އެފަދަ ގޮތަކަށް މުޅި ރާއްޖޭގައި ވެސް ބޭއްވުނު އެންމެ ފުރަތަމަ މުބާރާތެވެ.