މި މަހުގެ ތެރޭގައި ދިވެހިރާއްޖެ އަށް އަލަށް ތައާރަފް ކުރާ އިސްލާމިކް ޔުނިވާސިޓީގެ ބިލުގެ މަސައްކަތް މުޅިން ނިންމައި އެ ޔުނިވާސިޓީ އަށް ގާނޫނުން ބާރު ހޯދައިދޭނެ ކަމަށް ބިލުގެ މަސައްކަތް ކުރާ ކޮމިޓީ، ގައުމީ ތަރައްގީ ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލެއްވުމަށް ފަހު މަޖިލިސް ބޭރުގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ އިސްލާމްދީނާއި ދިވެހި ގައުމުގެ ދިފާއުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި އެމްޑީއޭ އިން މިއަދު ކުރީ ވަރަށް މަތިވެރި ޖިހާދެއް ކަމަށެވެ.

އެހެންނަމަވެސް ބިލުގެ މަސައްކަތް މިއަދު ކުރިއަށް ދިޔައިރު އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އުނދަގޫ ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި އަޅުގަނޑު މިބަލަނީ ބިލުގެ މަސައްކަތް ނިންމައި އަނބުރާ މަޖިލީހުގެ ފުލޯއަށް ފޮނުވާފައި ގާތްގަނޑަކަށް މި މަސްތެރޭގައި މި ގާނޫނުގެ ފޮނި މީރުކަން ދިވެހި ރައްޔިތުންނަށް ހޯދައިދެވޭތޯ. މި މަސް ތެރޭގައި އިސްލާމިކް ޔުނިވާސިޓީ އަށް އިރާދަކުރެއްވިއްޔާ ގާނޫނުން ބާރު ހޯދައިދޭނަން،" ސުޖާއު ވިދާޅުވި އެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފުނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިއަދުގެ ސަރުކާރުންނާއި ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ކުރަމުންދާ މަސައްކަތަކީ ދިވެހި ރާއްޖޭގައި އިސްލާމީ ވަހުދަތު ގާއިމް ކުރުމާއި ތުއްތު ކުދިންނާއި ޒުވާނުންގެ މެދުގައި އިސްލާމްދީނާ މެދު ލޯބި ޖެއްސުން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ދިވެހި ޒުވާނުންނަކީ އިސްލާމްދީނަށް ލޯބި ކުރާ ބަޔަކަށް ހެދުމަށް،" އަދުރޭ ވިދާޅުވި އެވެ.

އޭނާ މިއަދު ވިދާޅުވީ އެމްޑީޕީގެ ބޭފުޅުން މިއަދު އެ ދެއްކެވީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ މެމްބަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން މިއަދު އަމަލު ކުރަމުން ދިޔައީ ދިވެހިރާއްޖޭގެ ދުސްތޫރާ "މުޅިން ހިލާފަށް" ކަމަށެވެ.

އާމިރު ވިދާޅުވީ ސިޔާސީ ހިތްހަމަނުޖެހުންތަކުގެ ހައްލު މަޝްވަރާ ކޮށްގެން ވެސް ހޯދޭނެ ކަމަށެވެ.

"އިސްލާމީ ޔުނިވާސިޓީގެ ގާނޫނެއް ނެތުމުން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ އެމްޑިޕީގެ ސަރުކާރުގައި ކަންތައް ކުރަމުން ދިޔަ ގޮތް. އެމްޑީޕީގެ އަމަލުތައް އޭރު ހުރީ އަޅުގަނޑުމެންގެ ކިޔަވާ ކުދިންގެ ހިތްތަކުގައި އިސްލާމީ ތަރުބިއްޔަތު ގެއްލިދާފަދަ ގޮތަކަށް،" އާމިރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލި މާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަކީ ދިވެހިރައްޔިތުން އެކަމަކަށް ޓަކައި ތާ އަބަދަށް ފަހުރުވެރިވާނެ ގާނޫނެއް ކަމަށެވެ.