ހުޅުމާލެ އެޗްޑީސީ ވޮލީބޯލް ގްރައުންޑުގައި މިހާރު ކުރިއަށް ގެންދާ ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖުގައި، އިއްޔެ ކުޅުނު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗު ކާމިޔާބުކޮށް، ހުޅުމާލެ ޕާކް ބޯއިސް ގްރޫޕް އޭގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުރު ކޮށްފި އެވެ.

އެ މުބާރާތުގެ ގްރޫޕް އޭގައި ކޮންމެ ޓީމެއްވެސް ތިން މެޗު ކުޅެން ހަމަޖެހިފައިވާ އިރު، ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، އެމްޓީސީސީ އާއި ޕާކް ބޯއިސް ވަނީ ރޭގެ މެޗުގެ ކުރިންވެސް ސެމީގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. ޕާކް ބޯއިސް އެ ގްރޫޕްގެ އެއް ވަނަ ހޯދާފައި ވަނީ އިއްޔެ އެމްޓީސީސީއާ ދެކޮޅަށް ކުޅުނު މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެނެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު 22-25ގެ ނަތީޖާއަކުން ހޯދީ ޕާކް ބޯއިސް އެވެ. ނަމަވެސް ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް، އެމްޓީސީސީ ވަނީ އެ ސެޓު 20-25ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފަ އެވެ. ޕާކް ބޯއިސް މެޗުގެ ފަހު ދެ ސެޓު ކާމިޔާބު ކުރީ ވާދަވެރި ކުޅުމަކަށް ފަހު 23-25 އަދި 19-25 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކް ބޯއިސްގެ އަހުމަދު ފަޒީލް އެވެ. ޕާކް ބޯއިސް މިހާރު މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާ އިރު، އަދި މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ވެސް އެ ޓީމް ވަނީ ކާމިޔާބު ކޮށްފަ އެވެ.

ޓީމް އެމްޓީސީސީ އާއި ޕާކް ބޯއިސް މުބާރާތުގެ ގްރޫޕް 'އޭ'އިން މިހާރު ސެމީއަށް ދަތުރުކޮށްފައިވާ އިރު، ގްރޫޕް 'ބީ'އިން ސެމީއަށް ދަތުރުކޮށްފައި ވަނީ ހުޅުމާލެ ޕޮލިހާއި ސްޓެލްކޯ ރެކްރިއޭޝަން އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، އެ ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީން ޖާގަ ހޯދި ޓީމަކީ ހުޅުމާލެ ޕޮލިހެވެ.

އެޗްޑީސީ އާއި ހުޅުމާލެ ފުލުހުންގެ އިދާރާ އިން އިންތިޒާމްކޮށްގެން މި މަހުގެ ހަތަރުވަނަ ދުވަހު ފެށި ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖުގައި މުޅިއަކު ހަތް ޓީމެއް ވާދަކޮށްފައިވެ އެވެ.