09 Mar 2015, 14:15
އޭފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ސިންގަޕޫރުގެ ވޮރިއާސް އާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ މާދަމާ ނިކުންނައިރު، ވޮރިއަރސް އަކީ އޭއެފްސީ ކަޕްގެ ގްރޫޕް 'އީ' ގައި ހިމެނޭ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ނަތީޖާ ނެރެވޭ ފެންވަރުގެ ޓީމެއް ކަމަށް ވޮރިއާސްގެ ކޯޗް އެލެކްސް ވީވާ ބުނެފިއެވެ.
ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެލެކްސް ބުނީ ވޮރިއާސް އަކީ ތަޖުރިބާ ހުރި، ކޮލިޓީ ރަނގަޅު ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށެވެ. އަދި އެ މެޗަކީ އެ ޓީމަށް މުހިންމު މެޗެއް ކަމަށާއި، އެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެން ޖެހޭކަމަށް ވެސް އެލެކްސް ބުންޏެވެ.
"އަހަރެން ދެކޭ ގޮތުގައި އަހަރުމެންގެ ސްކޮޑުގައި ތިބީ ރަނގަޅު ކޮލިޓީއެއްގެ، ގިނަ ތަޖުރިބާތަކެއް ހުރި ކުޅުންތެރިންތަކެއް. މި ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް މި ޓީމަށް ނަތީޖާ ނެރެވިދާނެ. އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމުން މި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުން އަދި ވަކިން މުހިންމު،" އެލެކްސް ބުންޏެވެ.
އޭއެފްސީ ގްރޫޕް ސްޓޭޖުގައި ވޮރިއަރސް ކުޅުނު ފުރަތަމަ މެޗުގައި، އިންޑޮނޭޝިއާގެ ޕާސިޕޫރާ ޖަޔަޕޫރާ އަތުން އެ ޓީމް ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން އެލެކްސް ވަނީ އެ މެޗުގައި ވޮރިއާސްއަށް ގިނަ މިސްޓޭކްސްތަކެއް ހެދިފައި ވާކަން ފާހަގަ ކޮށްފަ އެވެ. ނަމަވެސް ވޮރިއާސް އަކީ އެ ޓީމާ ދެކޮޅަށް އެއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ ފެންވަރުގެ ޓީމެއްކަން އެލެކްސް ވަނީ ފާހަގަ ކޮށްފައެވެ.
މުބާރާތުގައި ވޮރިއާސް ކުޅޭ ފުރަތަމަ އަވޭ މެޗަށް މާދަމާ އެ ޓީމް ނިކުންނައިރު، އެ ޓީމަށް ދެކޮޅަށް ނިކުންނަ މާޒިޔާއާ ބެހޭގޮތުން މައުލޫމާތު ހޯދާފައި ވާކަމަށާއި، މާޒިޔާއަކީ އެ ޓީމާ މެދު ސަމާލުވާން ޖެހޭ ފެންވަރުގެ ޓީމެއްކަމަށް އެލެކްސް ބުންޏެވެ.
"އިދިކޮޅަށް ނިކުންނަ މާޒިޔާގެ ކުޅުމާމެދު އަހަރުމެން ސަމާލުވާން ޖެހޭ. ނަމަވެސް އެ ޓީމް މީގެ ކުރިން ކުޅުނު މެޗުތައް ބަލައި، އެ ޓީމްގެ ކުޅުން ދިރާސާ ކުރުމަށްފަހު އަހަރުމެން މާޒިޔާގެ ފެންވަރާ، އެ ޓީމްގެ ކުޅުމުގެ ވައްޓަފާޅިގަނޑާ، ޓީމްގެ ވީކްނެސްތައް ދެނެގެންފިން. އޭގެ އިތުރުން މީގެ ކުރިން ރާއްޖޭގައި ކުޅުނު ކުޅުންތެރިން ވެސް އަހަރުމެންގެ ސްކޮޑުގައި އެބަތިބި، އެހެން ކަމުން މި މެޗަށް އެ ކުޅުންތެރިންގެ ތަޖުރިބާތަކުގެ ބޭނުންވެސް ކުރެވޭނެ،" އެލެކްސް ބުންޏެވެ.
ކުޅުނު ފުރަތަމަ މެޗުން ބަލިވެ، ގެއްލުން ދެ ލަނޑާއެކު ވޮރިއާސް މިހާރު އޮތީ އޭއެފްސީ ކަޕް ގްރޫޕް 'އީ' ތާވަލްގެ އެންމެ ފުލުގަ އެވެ. ނަމަވެސް އެލެކްސް ވަނީ ސިންގަޕޫރުގެ އެންމެ މަތީ ފަންތީގެ ޓީމްތަކުގެ ތެރޭގައި ވޮރިއާސްގެ ނަން ގުނާލަން އަޒުމު ކަނޑައަޅާފައި ވާކަމަށް ބުނެ، މި މުބާރާތަކީ އެކަމަށް ކުރާ މަސައްކަތުގެ ފެށުމުގެ މަރުހަލާއެއް ކަމަށް ބުނެފައެވެ.