ރަހީނުކޮށްފައިވާ ކަމަށް ބުނެ ދޮގު މައުލޫމާތުދިނުމަށްފަހު، ފިލައިގެން އެކި މީހުން އަތުން އަޮޅުވާލައިގެން ފައިސާ އަތުލަމުންދިޔަ ބިދޭސީއަކު ފުލުހުން އަތުލައިގަނެފި އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ކުރި މަސައްކަތުން އޭނާ ހައްޔަރުކޮށްފައި ވަނީ 20 ދުވަސް ވަންދެން ކުރި މަސައްކަތުންނެވެ. އަދި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ޝާމިމް މިއާ ނަމަަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހާ އުޅޭ ތަނަށް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބަޔަކު ވަދެ އެނާ ރަހީނުކޮށްގެން ގެންދާ ކަމަށްބުނެ އޭނާއާ އެކު މަސައްކަތްކުރާ އެހެން މީހަކަށް އެންގި ކަމަށެވެ. އަދި އެކަން ފުލުހުންނަށް ހުށަހެޅީ އޭގެ އަނެއް ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ހުށަހެޅުމާއެކު އެ މައްސަލާގައި އޭނާ ރަހީނުކޮށްގެން ގެންގޮސްފާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ދެނެގަނެ، އޭނާއާ އެއްވެސް ކަހަލަ މުއާމަލާތެއް ކުރެވިފައި ވެދާނެކަމަށް ބެލެވޭ މީހުންނާ ފުލުހުން ސުވާލުކުރި އެވެ. އަދި އޭނާ ރަހީނުކުރި ސަބަބުކަމަށް ބެލެވޭ ތިއަރީއެއް އެސްޓަބްލިޝް ކުރި އެވެ.

"ފުލުހުން ކުރި މަސައްކަތުން އެނގުނު ގޮތުގައި އޭނާ ރަހީނުކުރި ކަމަށް ބުނާ ތާރީހުން ފެށިގެން ދެ ދުވަސް ވަންދެން މާލޭގައި ހުރިކަމާއި އެއަށްފަހު އެއް ހަފުތާގެ މުއްދަތުގައި ރާއްޖޭގެ އުތުރަށް ގޮސްފައިވާކަން އެނގުނެވެ. އޭގެ ފަހުން މާލޭގައި އުޅެމުންދާކަން ތަހުގީގު ޓީމަށް އެނގިފައިވެއެވެ. އެހެކަމުން، އޭނާ ވަނީ ރަހީނުކޮށްފައި ނޫންކަމާއި އޭނާ ފިލައިގެން އުޅޭކަން ފުލުހުންގެ ތަހުގީގު ޓީމަށް ތުހުމަތުކުރެވުނެވެ،" ފުލުހުންގެ މީޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ، އެ އެ ތުހުމަތުގެ މައްޗަށް ބިނާކޮށް އޭނާ އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލެ، ޓީޖެޓީ ސަރަހައްދުގައި އޮތް ދޯންޏެއްގެ ތެރޭގައި އޮއްވާ ކަމަށެވެ.