09 Mar 2015, 13:56
އިސްލާމިކް ޔުނިވަސިޓީގެ ބިލުގެ ބަހުސް ނިންމައި، ބިލު މަޖިލީހަށް ބަލައިގަތުމަށް ޖަލްސާ އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްވެއްޖެ އެވެ.
އިސްލާމިކް ޔުނިވަސިޓީގެ ބިލު މަޖިލީހަށް ބަލއަިގެންފައި ވަނީ ވޯޓުގައި ބައިވެރިިވި 55 މެންބަރުންގެ އިއްތިފާގުންނެވެ. އެމްޑީޕީގެ މެންބަރުން ވޯޓުގައި ބައިވެރިވެފައި ނުވެ އެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި އިސްލާމިކް ޔުނިވަސިޓީގެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ބުނެ އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރަމުން ދަނިކޮށެވެ.
ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ބިލު ސަރުކާރުން ހުށަހެޅީ ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާތީ އާއި ގާނޫނު އަސާސީގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީން ކަމަށްވާތީ ދިވެހިރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމުދޭނެ ޚާއްޞަ ޔުނިވާސިޓީއެއް ގާއިމުވެފައި ހުރުމަކީ އިސްލާމީ ދުނިޔޭގައި ދިވެހި ރާއްޖޭގެ ތަޞައްވުރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަކަށް ވާތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ދިވެހި ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ވަރުގަދަވެ، ރައްޔިތުންނާއި ރައްޔިތުންގެ މުސްތަޤްބަލާ ގުޅުންހުރި އެފަދަ ތަޢުލީމީ މުއައްސަސާއެއްގެ މަގުޞަދުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް އެކަށަ އަޅައި އެކަންކަމާގުޅޭ އުސޫލުތައް ގާނޫނެއްގައި ބަޔާންވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ފެންނާތީ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.