09 Mar 2015, 13:07
އަލަށް ތައާރަފްކުރާ "ރަން ދިހަފަހެއް"ގެ ފައިސާ އާއި ރާއްޖެ އަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ނެރޭ ފައިސާ ޗާޕްކުރާނީ އެންމެ ޒަމާނީ މެޓީރިއަލްއަށް ކަމަށާއި އެ ފައިސާގެ ޑިޒައިން އަކަށް ހޮވިފައި ވަނީ ބ. ކެންދޫ، ޖަވާހިރުމާގެ އަބްދުﷲ ނަޝާތު ހުށައެޅި ޑިޒައިންތައް ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ އެ ނޫޓްތަކުގެ ޑިޒައިން އަކަށް ނަޝާތުގެ ޑިޒައިންތައް ހޮވިފައިވާ އިރު އެ ނޫޓްތައް ހޮވުމުގައި ބޮޑަށް ވިސްނާފައި ވާނީ ދިވެހި ރާއްޖެ ރަމްޒުކޮށްދީފައިވާ ގޮތާއި އެހެން ގައުމުތަކުގެ ނޫޓްތަކާއި ކޮންސެޕްޓް ތަފާތު ވެފައިވާ މިންވަރަށް ކަމަށެވެ. އެ ނޫންޓްތަކުގެ ދިވެހި ވަންތަކަމާއި ދިވެހި ރާއްޖެ ވަރަށް ބޮޑަށް ދައްކުވައިދޭ ނޫޓްތަކެއް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ އަލަށް ނެރޭ ނޫޓްތަކުގައި މިހާރު ބޭނުންކުރާ ނޫޓްތަކަށް ވުރެ ސެކިއުރިޓީ ރަނގަޅުވާނެ ކަމަށެވެ. އެގޮތުން އަލަށް ނެރޭ ނޫޓްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ފައިސާ ޕްރިންޓްކޮށްފައި ހުންނަ މެޓީރިއެލްއެއް ކަމަށްވާ ޕޮލިމާއަށް ޗާޕްކުރެވޭ ނޫޓްތަކެއް ކަމަށް ވިދާޅުވި އެވެ. އެއީ ޕްލާސްޓިކް ބާވަތެއް ކަމަށާއި އެއީ ކަރުދާހަށް ވުރެ ސަލާމަތީ ގޮތުން ރައްކާތެރި ނޫޓުތަކެއް ކަމަށް ވިދާޅުވިއެވެ.
"ޕޮލިމާއަކީ ކަރުދާހަށް ވުރެ އަގުބޮޑު ސަބްސްޓްރޭޓްއެއް ކަމުގައިވީ ނަމަވެސް ޕޮލިމާ ނޫޓް ބޭނުންކުރެވޭ މުއްދަތު ދިގުވުމުގެ ސަބަބުން އަލުން ޗާޕްކުރަން ޖެހޭ ނޫޓުގެ އަދަދު މަދުވެ ދިގު މުއްދަތެއްގައި ނޫޓް ޗާޕްކުރުމަށް ކުރަން ޖެހޭ ހަރަދު ކުޑަވާނެ." ގަވަރުނަރު ވިދާޅުވި އެވެ.
ރަންދިހަ ފަހެއްގެ ނޫޓުގެ ސައިޒަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ނަމަވެސް ހަނދާނީ ނޫޓްގެ ސައިޒް ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
ރަންދިހަ ފަހެއްގެ ގޮތުން ބަދަލުކުރާ ނޫޓްތަކަކީ 10 ރުފިޔާއާއި 50 ރުފިޔާގެ އިތުރުން 100 އާއި 500 ރުފިޔާ އާއި 1000 ރުފިޔާ އެވެ. އޭގެ ތެރެއިން މިއަހަރުގެ އޮކްޓޫބަރު މަހު ތައާރަފްކުރުމަށް ނިންމާފައި ވަނީ 10 ރުފިޔާ އާއި 50 ރުފިޔާ އާއި 1000 ރުފިޔާގެ ނޫޓްތަކެވެ. އިތުރު ނޫޓްތައް ތައާރަފް ކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
އާ ނޫޓްތައް ތައާރަފްކުރުމާ އެކު މިހާރު ބޭނުން ކުރަމުންދާ ނޫޓްތައް އުވިގެން ދާނެ ކަމަށާއި ނަމަވެސް އެނޫޓްތައް ވިޔަފާރިތައްކުރުމަށް އެއް އަހަރު ވަންދެން ބޭނުން ކުރެވޭނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
ހަނދާނީ ނޫޓަކީ ވިޔަފާރި ކުރުމުގެ ބަދަލުގައި ހަނދާނެއްގެ ގޮތުގައި ބާއްވާ ނޫތަކަށްވާ އިރު އެ ވިއްކާއަގަކީ 5000 ރުފިޔާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަލަށް ފައިސާތަކެއް ނެރޭ އިރު އެކަމަށް ބޮޑު ހަރަދެއްދާނެ ތޯ ސުވާލުކުރުމުން ގަވަރުނަރު ވިދާޅުވީ ފައިސާ ޗާޕްކުރުމަކީ ދޭތެރެދޭތެރެއިން ކުރަމުންދާ ކަމަކަށްވާ އިރު އަލަށް ޗާޕްކުރުމުން ވެސް ހަރަދުތައް މާ ބޮޑަށް އިތުރުވެގެން ނުދާނެ ކަމަށެވެ.
ނޫޓްސެޓް ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ އިރު އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށަހަޅާ ފަރާތަކަށް، 400،000 ރުފިޔާ ދޭން އެމްއެމްއޭ އިން ވަނީ ނިންމާފަ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މުޅިން އާ ނޫޓް ސެޓެއް ނެރެން ނިންމީ، ދިވެހި ރުފިޔާގެ ނޫޓުތަކުގައި ހިމެނޭ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވެން އޮތީ މިހާރު ގެންގުޅޭ ނޫޓްގެ ބަދަލުގައި މުޅިން އާ ނޫޓްތަކެއް ތަފާތު ޑިޒައިނަކާ އެކު ތައާރަފުކޮށްގެން ކަމަށެވެ.