ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މަޖީދީމަގުގެ ބުރާންޗުގައި ފަޔާ އެލާމް އަޅައިގެން މެދުކެނޑުނު ހިދުމަތް 10 ވަރަކަށް މިނެޓުގެ ތެރޭގައި އަނބުރާ ދީފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދަމުން ދިޔަ ވަގުތެއްގައި ބީއެމްއެލްގެ މަޖީދީމަގު ބުރާޗުން މިއަދު 11:15 އެހާކަންހާއިރު ވަނީ ފަޔާ އެލާމް އަޅާފަ އެވެ. އެއާ އެކު އެ އިމާރާތުން އެންމެން ވަނީ ނެރެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ދިމާވި އެ މައްސަލަ ހައްލުކޮށް 10 ވަރަކަށް މިނެޓް ތެރޭގައި ހިދުމަތް އަނބުރާ ދޭން ފަށާފައިވާ އިރު މިހާރު އެއްވެސް ދައްޗެއް ނެތި އެ ބްރާންޗުން ވެސް ހިދުމަތް ދެމުން އަންނަ ކަމަށެވެ.

"އެންމެ 10 މިނެޓު ވެސް ނުވާނެ އަނބުރާ ހިދުމަތް ދޭން ފެށި އިރު،" ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކުއްލިއަކަށް އެ ބޭންކުން ފަޔާ އެލާމް އަޅަން ދިމާވި ސަބަބެއް އަދި އެ ބޭންކުން ހާމަކޮށްފައެއް ނުވެ އެވެ.