17 Feb 2011, 12:33
އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް އަނެއްކާ ވެސް ފެއިލެވެ، އިމިގްރޭޝަނުން ދެމުންދާ ގިނަ ޚިދުމަތްތަކެއް މެދުކެނޑިއްޖެ އެވެ.
ޗީފް އިމިގްރޭޝަން އޮފިސާ އަހްމަދު ނަސީމު މިއަދު ވިދާޅުވީ، ބޯޑާ ސިސްޓަމް ސްލޯވެ، އެއްކޮށް ފެއިލްވީ މިއަދު ހެނދުނު 7:40 އެހާކަންހާއިރު ކަމަށެވެ. އަދި ސިސްޓަމް ފެއިލްވާން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި މައްސަލަ ޖެހިގެން އުޅެނީ ސިސްޓަމްގެ އެޕްލިކޭޝަން ސާވާ އަށް ކަމަށެވެ.
"ސިސްޓަމް ފެއިލްވި ސަބަބެއް އައިޑެންޓިފައި ނުކުރެވިގެން އުޅެނީ. އެޕްލިކޭޝަން ސާވާ އަށް މައްސަލަ ޖެހުނީ. މި މައްސަލަ އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަވެފައި އެއް ނެތް،" ނަސީމް ވިދާޅުވި އެވެ. އަދި ސިސްޓަމް ރަނގަޅުކުރުމަށް އައިޓީ ޑިޕާޓްމަންޓުން މިހާރު މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަސީމް ވިދާޅުވި ގޮތުގައި، ސިސްޓަމް ފެއިލްވުމާ އެކު އިމިގްރޭޝަނުން ދެމުންގެންދާ ގިނަ ޚިދުމަތްތަކެއް ވެސް މިހާރު ވަނީ މެދުކެނޑިފަ އެވެ. އެގޮތުން އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ޑިވިޝަން އިން ފޯރުކޮށްދެމުންދާ ވޯކް ވީސާ ހަދައިދިނުން ފަދަ ހިދުމަތްތައް އެއްކޮށް ހުއްޓިފައިވާ ކަމަށާއި އަދި ޕްރޮވިންސް އޮފީސްތަކުންވެސް ދެމުން ގެންދާ ވޯކް ވީސާގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.
މީގެ އިތުރުން ޕާސްޕޯޓް ހައްދައިދިނުމުގެ ޚިދުމަޔް ވެސް ވަނީ މިހާރު ހުއްޓިފަ އެވެ.
"މިހާރު ވެސް ގިނަ ބަޔަކު އައިސް އެބައުޅޭ ޕާސްޕޯޓް ހައްދަން. މިހާރު ނަންބަރު ދޫކުރުން ވެސް ހުއްޓާލައިފި،" ނަސީމް ވިދާޅުވި އެވެ.
މީގެ އިތުރުން ނަސީމް ވިދާޅުވީ، އެއާޕޯޓުގައި ސިސްޓަމް މެދުވެރިކޮށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ވެސް މިހާރު ކުރަމުންދަނީ މެނުއަލްކޮށް ކަމަށާއި އެކަމުގެ ސަބަބުން ޚިދުމަތް ދިނުމައި ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. އަދި އެއާޕޯޓުގައި ނަގަން ޖެހޭ ރިސްކުތައް މިހާރު ބޮޑުވެފައިވާ ކަމަށް ވެސް ޗީފް އިމިގްރޭޝަން އޮފިސާ ވިދާޅުވި އެވެ.
"ރިސްކް ބޮޑުވީ އެއީ ސިސްޓަމް ފެއިލްވުމުން ބްލެކް ލިސްޓުވެފައި ތިބި މީހުން ނުލިބޭ. ސިސްޓަމުން ނުފެނެވޭ،" އަހްމަދު ނަސީމް ވިދާޅުވި އެވެ.
މިއީ ކެނެޑާގެ ކުންފުންޏަކާ ގުޅިގެން އިމިގްރޭޝަން އިން ގާއިމްކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމް މިއަހަރު ތެރޭ އެއްކޮށް ފެއިލްވި ތިން ވަނަ ފަހަރެވެ. މިދިޔަ މަހު އެ ސިސްޓަމް 48 ގަޑިއިރަށް އެއްކޮށް ހުއްޓި، ގިނަ ޚިދުމަތްތަކެއް މެދުކެނޑިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. ނަމަވެސް، އިމިގްރޭޝަނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ސިސްޓަމް ރަނގަޅުކުރުމުގެ ބަދަލުގައި މުޅިން އާ ސިސްޓަމެއް ގަތުމުން ފައިދާ ބޮޑުވާނެ ކަމަށެވެ.
"މީތި އަލަށް ރަނގަޅުކުރުމަށްވުރެ ޒަމާނީ ވަސީލަތްތަކާ އެކު ހުރި އެއްޗަކަށް ދިޔުން މާ މުހިންމު." ނަސީމް ވިދާޅުވި އެވެ.
ނަމަވެސް، މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ގުޅިގެން އިމިގްރޭޝަނުން ގާއިމްކުރަން އުޅުނު 501 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ވަނީ އެ މަސައްކަތް ހުއްޓުވައިފަ އެވެ.