އޭފްސީ ކަޕްގައި މާދަމާ ގަލޮޅު ރަސްމީ ދަނޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ސިނގަޕޫރުގެ ވޮރިއަސްއާ ދެކޮޅަށް ނިކުންނަ އިރު، މެޗަށް ވެވުނު ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އަމާޒަކީ މި މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ވަނީ އިދިކޮޅު ޓީމަކީ ޖެހިލުންވާ ފަދަ ވަރުގަދަ ޓީމެއް ނޫންކަން ފާހަގަ ކޮށްފަ އެވެ. އަދި ކުޅުންތެރިން ރަނގަޅު ކޮމިޓްމަންޓެއް ދީފިއްޔާ މާދަމާގެ މެޗަކީ ކާމިޔާބު ނުކުރެވޭނެ މެޗެއް ނޫންކަމަށް ވެސް ސުޒޭން ވަނީ ބުނެފަ އެވެ.

"އެވަރޭޖްކޮށް ސިންގަޕޯ، އިންޑޮނޭޝިއާ ހިސާބުގަނޑު ޓީމްތަކަކީ ދާދި އެއް ފެންވަރެއްގެ ޓީމްތަކެއް. ވޮރިއަސްގެ މީގެ ކުރީގެ އޭއެފްސީ ރިސަލްޓަށް [ނަތީޖާ އަށް] ބެލިޔަސް، އެ ޓީމަކީ އެހާ ތަފާތު ވަރުގަދަ ޓީމެއް ކަމަކަށް ނުބެލެވޭ. މާދަމާގެ މެޗުގައި މާޒިޔާގެ ކުޅުންތެރިން 100 ޕަސެންޓު ކޮމިޓްމަންޓެއް ދީފި ނަމަ މެޗު ކާމިޔާބު ކުރެވޭނެ،" ސުޒޭން ބުންޏެވެ.

އޭފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެ ޓީމް އެ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވީ ގަލޮޅު ދަނޑުގައި ކުޅުނު ޕްލޭއޮފް މެޗުގައި، ފިލިޕީންސްގެ ސެރެސް ބަލިކުރުމަށް ފަހު އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސުޒޭން ވަނީ ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި ލީޑު ހޯދަން ރަނގަޅު ފުރުސަތުތަކެއް މިސް ވިކަން ފާހަގަ ކޮށްފަ އެވެ. ނަމަވެސް އެ މެޗުން ލިބުނު ތަޖުރަބާ އާއި ޕްލޭއޮފް މެޗު ކާމިޔާބު ކުރެވުމުން ލިބޭ ހިތްވަރަކީ މި މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދަން އެހީތެރި ވެދޭނެ ކަމެއް ކަމަށް ސުޒޭން ބުންޏެވެ.

"ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި ލީޑު ހޯދަން ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު، ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔައީ. މާޒިޔާގެ ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު އެފަދަ ޗާންސްތައް މިސްވުމަކީ ކޮންމެ ފަހަރަކު ވާނެ ކަމެއް ނޫން. އޭގެ އިތުރުން ޕްލޭއޮފް މެޗު ކާމިޔާބު ކުރެވުމަކީ ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އެހެން ކަމުން މާދަމާ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ،" ސުޒޭން ބުންޏެވެ.

އޭގެ އިތުރުން ސުޒޭން ވަނީ ޓީމްގައި އިންޖަރީގެ މައްސަލަތަކެއް ނެތްކަން ފާޙަގަކޮށް، ކުޅުންތެރިން ތިބީ މެޗަށް ވަރަށް ތައްޔާރު ވެގެންކަން ފާހަގަ ކޮށްފަ އެވެ. އަދި ހޯމް މެޗެއްގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ ސަޕޯޓަރުންގެ ސަޕޯޓްކަން ފާހަގަކޮށް، ކޯޗް ސުޒޭންގެ އިތުރުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲވެސް ވަނީ ދަނޑަށް ސަޕޯޓަރުން ވަޑައިން، ޓީމަށް ސަޕޯޓު ކޮށްދެއްވުމަށް އެދިފަ އެވެ.

އޭފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ވެސް ތިން މެޗު ކުޅެން ހަމަޖެހިފައިވާ އިރު، މާޒިޔާ މާދަމާ ނިކުންނާނީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗަށެވެ. ކުޅުނު ފުރަތަމަ މެޗުން ބަލިވެ މާޒިޔާ މިހާރު މުބާރާތުގެ ގްރޫޕް 'އީ'ގެ ތިންވަނައިގައި އޮތް އިރު، މާދަމާގެ މެޗު ކާމިޔާބު ކުރުމީ މުބާރާތުގައި އެ ޓީމް އިތުރަށް ކުރިއަށް ދާން ވަރަށް މުހިންމު މެޗެކެވެ.