09 Mar 2015, 12:53
ކޮމަންވެލްތު ގައުމުތަކުގެ އާބާދީގެ ބޮޑު ބަޔަކީ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުން ކަމަށާއި އެމީހުންގެ އަޑު އަހަން ޖެހޭ ކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތު ދުވަހުގެ މުނާސަބާގައި ކެމެރަން އާއްމު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ 21 ވަނަ ގަރުނުގައި މުޖުތަމައަށް މަގުދައްކަން ތިބީ ޒުވާނުން ކަމަށެވެ.
"... ކޮމަންވެލްތުގެ އާބާދީގެ ތިންބައިކުޅަ ދެބަޔަކީ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުން އަދި އެމީހުންގެ އަޑު އެހޭކަން އަހަރެމެން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް. 21 ވަނަ ގަރުނުގައި ކޮމަންވެލްތަށް މަގު ދެއްކުމަށް ޓަކައި އެމީހުން ވާނީ ، އަހަރެމެންގެ ހުޅުވިފައިވާ މުޖުތަމައުތަކުގެ ބެލެހެއްޓުންތެރިން ކަމުގައި،" ކެމެރަންގެ މެސެޖްގައިވެ އެވެ.
މިއަހަރުގެ ކޮމަންވެލްތުގެ ޝިއާރަކީ " އަ ޔަންގް ކޮމަންވެލްތު( ޒުވާން ކޮމަންވެލްތު)" އެވެ.
އިނގިރޭސީންގެ އަޅުވެތި ކަމާއި ހިމާޔަތުގެ ދަށަށް ގެންދިއުން ފަދަ ގޮތް ގޮތުން އިނގިރޭސި ދައުލަތުގެ ދަށަށް އެކި ދުވަސްވަރު ދިއަ ގައުމުތައް ހިމެނޭ ކޮމަންވެލްތު އޮފް ނޭޝަންސް ގައި 53 ގައުމު ހިމެނެ އެވެ. އެޖަމާއަތުގެ ވެރިއަކަށް އަބަދު ވެސް ހުންނަނީ އެއިރެއްގައި އިނގިރޭސި ރަސްކަމުގައި ހުންނަ މީހެކެވެ.