09 Mar 2015, 12:50
ޕާޓީ އިން ނިންމާ ނިންމުމެއްގެ ސަބަބުން ޕާޓީ ބަދަލުކުރަން ނުޖެހޭނެ ކަމަށާއި ކޮންމެ ޕާޓީއެއްގައި ހުރެގެން ވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ ކަމަށް އަދާލަތު ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތާއީދު ނުކުރުމަށް އަދާލަތު ޕާޓީގެ މަޖިލީހުން ރޭ ނިންމުމާ ގުޅިގެން އެ ޕާޓީގެ މަޖިލިސް މެންބަރު ޕާޓީ ބަދަލުކުރާ ކަމަށް ބުނެ ދެކެވޭ ވާހަކައަށް ރައްދު ދެއްވައި އަނާރާ ވިދާޅުވީ "ޕާޓީ ބަދަލުކުރުމަކީ ގަބޫލު ކުރާ އުސޫލެއް ނޫން" ކަމަށެވެ. އަދި ރައްޔިތުން އޭނާ އިންތިހާބު ކުރީ އަދާލަތު ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާއި ކޮންމެ ޕާޓީ އެއްގައި ހުންނެވިއަސް ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާނެ ކަމަށެވެ.
"ރައްޔިތުން އަޅުގަނޑު އިންތިހާބު ކުރީ އަދާލަތު ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެހެންވީމާ ޕާޓީ ދޫކޮށް ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. އެކަހަލަ ވިސްނުމެއް ނެތް،" އަނާރާ ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ނުކުރުމަށް އަދާލަތުން ނިންމި ނިންމުމަށް އިހުތިރާމު ކުރައްވާނެ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ. އަދި މަޖިލީހުގެ މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއްވާ ނަމަ އެއީ ސަރުކާރުން ކުރާ ކަމެއް ނަމަވެސް އެކަމަކަށް ތާއީދު ކުރައްވާނެ ކަމަށް އަނާރާ ވިދާޅުވި އެވެ.
އަނާރާ އަކީ މަޖިލީހުގައި އިންނެވި އަދާލަތު ޕާޓީގެ ހަމަ އެކަނި މެންބަރެވެ.