ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައާ ގުޅިގެން ކޮށްފައިވާ ދައުވާތަކާއި އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވައްދަން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ރާއްޖެ ޓީވީން "ސައްޚަ ނޫން މައުލޫމާތު ފަތުރާތީ އާއި ފަނޑިޔާރުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ރާއްޖެ ޓީވީގެ ރިޕޯޓަރުންގެ އަމަލުތައް ބަހައްޓަމުންދާތީ" ކަމަށެވެ.

ކްރިމިނަލް ކޯޓުން މިފަދަ ނިންމުމެއް ނިންމާފައިވާ އިރު، ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ކެފޭއެއްގެ ތެރޭގައި ބައްދަލުކުރަން އިންނެވި ކަމަށް ބުނެ ރާއްޖެ ޓީވީން ވަނީ އެ ކެފޭގެ ތެރެއަށް ވަދެފަ އެވެ. އެ މައްސަލާގައި ފުލުހުން ވަނީ އެތަނުގެ ކެމެރާމަނުން ހައްޔަރު ވެސްކޮށްފަ އެވެ.