09 Mar 2015, 12:06
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، ވިމެންސް ފުޓްސެލް ސިއެސްޓާގައި މި އަހަރު ވާދަކުރާ އިމިގްރޭޝަންގެ ޓީމަށް ތިން ބިދޭސީ ކުޅުންތެރިން ގެނެސްފި އެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި އެ މުބާރާތުގައި ވާދަކުރާ އިމިގްރޭޝަންގެ އަންހެން ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންނަކީ މައުލީނާ ނޮވްރިލިއާނީ، ރާނީ މުލްޔަ ސަރީ އަދި ލީސާ ބާރގްސްޓްރޯމް އެވެ.
މިފަހަރުގެ މުބާޜާތަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން މައުލީނާ ނޮވްރިލިއާނީ އާއި ރާނީ މުލްޔަ ސަރީ ރޭގެ ވަގުތެއްގައި މާލެ އައިސް ޓީމާ ގުޅިފައިވާ ކަމަށް ވެސް ކްލަބް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ. އަދި ލީސާ ބާރގްސްޓްރޯމް މި މަހުގެ 10 ވަނަ ދުވަހު މާލެ އައިސް ޓީމާ ގުޅޭނެ ކަމަށް ކްލަބް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ކްލަބް މޯލްޑިވްސް ފުޓްސެލް މުބާރާތަށް ކްލަބް އިމިގްރޭޝަނުން ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން މައުލީނާ ނޮވްރިލިއާނީ އާއި ރާނީ މުލްޔަ ސަރީ އަކީ އިންޑޮނޭޝިއާގެ ގައުމީ ފުޓްސެލް ޓީމަށް ކުޅޭ ދެ ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިންގެ ތެރެއިން މައުލީނާ ނޮވްރިލިއާނީ އަކީ އިންޑޮނޭޝިއާ ގައުމީ ފުޓްސެލް ޓީމުގެ ކެޕްޓަންކަން ވެސް އަދާކުރާ ކުޅުންތެރިއެކެވެ.
އެ ދެ ކުޅުންތެރިންގެ އިތުރުން މިމަހުގެ 10ގައި ކްލަބް އިމިގްރޭޝަނާ ގުޅޭ ބިދޭސީ ކުޅުންތެރިއަކީ ސްވިޑުންގެ ދެވަނަ ޑިވިޝަންގެ ޓީމެއްކަމަށްވާ މެރިހެމް އެސް ކޭ ޓީމަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާއަކީ ކްލަބް އިމިގްރޭޝަންގައި އަދާ ކުރާނީ ކީޕަރެއްގެ މަގާމެވެ.
ބިދޭސީ ކުޅުންތެރިންގެ އިތުރުން މިފަހަރުގެ ވިމެންސް ފުޓްސެލް ފިއެސްޓާގައި ހިމެނޭ ކްލަބް އިމިގްރޭޝަން ޓީމުގައި ނިރޭޑިއެންޓު އަދި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު އާއި ގައުމީ ޓީމަށް ކުޅޭ މަރިޔަމް މިރުފަތު ވެސް ހިމެނޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
މިފަހަރުގެ މުބާރާތަށް ރަނގަޅު ކުޅުންތެރިންތަކެއް ޓީމަށް ގެނައި ސަބަބަކީ މުބާރާތުގައި ވާދަވެރި ކުޅުމެއް ދައްކާ، މުބާރާތް ކާމިޔާބު ކުރުން ކަމަށް ކްލަބް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.