09 Mar 2015, 12:02
ލާމަރުކަޒީ ނިޒާމަށް ކުދި ކުދި ބަދަލުތަކެއް ގެނެސްފިނަމަ، އެ ނިޒާމަކީ ފުރިހަމައަށް ހިނގާނެ ނިޒާމެއް ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލުތަކަށް އަމާޒުކޮށްގެން އެލްޖީއޭ އިން ބާއްވަމުންގެންދާ މަހާސިންތާ ފެށުމަށް މިއަދު ޖެން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އުމަރު ވިދާޅުވީ، ކޮންމެ ނިޒާމެއް ވެސް އަލަށް ތައާރަފް ކުރާއިރު އެ ނިޒާމެއްގައި މީހުން އަހުލުވެރިނުވެ ހުރި ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
އެގޮތުން، "ލާމަރުކަޒީ ނިޒާމު މިއީ އަޅުނގަޑުމެން މިއަށް ކުދިކުދި ބަދަލުތަކެއް ގެނެސްލީމާއި ވަރަށް ފުރިހަމައަށް ހިނގާނެ ވަރަށް ފުރިހަމަ ނިޒާމެއް" ކަމަށް ވިދާޅުވި އެވެ.

"ލާމަރުކަޒީ ގާނޫނުގައި ހުރި މައްސަލަތައް ދިރާސާ ކުރުމަށްފަހު، ގާނޫނަށް އެބަޖެހޭ ގެންނަން ފެންނަ ބަދަލުތަކެއް ގެންނަން. ގެނެސްގެން މި ނިޒާމު އެބަޖެހޭ ކުރިއަށްގެންދަން. މި ނިޒާމުން މިހާރުން މިހާރަށް ފާހަގަކޮށްލެވޭ އެއް ކަމަކީ ސިޔާސީ ތަފާތުވުންތަކުގެ ސަބަބުން އެޅުވޭ ތަޅުތައް،" އުމަރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އުމަރު ވަނީ، ކައުންސިލުތަކުގައި ހުރި މައްސަލަތައް ދިރާސާކޮށް އެކުގައި މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ވެސް ކައުންސިލަރުންގެ މަހާސިންތާއެއް ބޭއްވުމަށް އެލްޖީއޭގެ ބޯޑުން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާ ކަމާއެކު ކުރިއަށްގެންދިއުމަށާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތަކާއި މެދު މަޝްވަރާކޮށް ހައްލު ހޯދުމަށްޓަކައި ފެށި އެ މަހާސިންތާގައި ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ.
އެ މަހާސިންތާގައި ރާއްޖޭގެ އޮންނަ ދެ ސިޓީ ކައުންސިލުންނާއި 19 އަތޮޅެއްގެއް އަތޮޅު ކައުންސިލް ތަކުގެ ރައީސުންނާއި ޒިންމާދާރު ވެރިންގެ ތެރެއިން ޖުމްލަ 48 ބޭފުޅުން ބައިވެރިވެ އެވެ.