އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ އިހުތިޔާރުތަކަށް އަމަލުކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ސިޓީ އަދި އަތޮޅު ކައުންސިލުތަކަށް އަމާޒުކޮށްގެން އެލްޖީއޭ އިން ބާއްވަމުންގެންދާ މަހާސިންތާ ފެށުމަށް ޖެން ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ، ލޯކަލް ކައުންސިލްތަކަކީ ފުދުންތެރި ބަޔަކަށްވުމަށް ލާމަރުކަޒީ ގާނޫނުން ދީފައިވާ ބާރުތަކާއި އިހުތިޔާރުތަކަށް އަމަލު ކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މުހިއްމު އިސްކަމެއް ދެއްވާ ކަމަށެވެ.

"ކައުންސިލްތަކަށް އިގްތިސާދީ ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި ތަރައްގީގެ ހަރަކާތްތަކަށް މާލީ އެހީ ދިނުން ފަދަ ކަންކަން ކުރުމަށް ބޭނުންވާ ނިޒާމުތައް އެކުލަވާލުމަށް ސަރުކާރުން މިދަނީ މަސައްކަތްތައް ކުރަމުން. ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި އަމިއްލައަށް އާމްދަނީ ހޯދޭނެ ގޮތްތަކާއި ވަސީލަތްތައް ފަހިކުރުމަށްޓަކާއި ކުރަންޖެހޭ ކަންތައްތައް ވެސް ސަރުކާރުން ދަނީ ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅު ކައުންސިލްތަކަކީ ރަށު ކައުންސިލުތަކުގެ މަސައްކަތްތައް މޮނީޓަރުކޮށް އަތޮޅު ފެންވަރުގައި ހިންގާ ހަރަކާތްތައް ވިލަރަސްކުރާ ފަރާތްކަމަށްވާއިރު، ފާއިތުވެދިޔަ އަހަރުތަކުގެ ތަޖުރިބާގައި ނިންމުންތަކެއް ނިންމުމަށް ހިއްސާ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.

ސިޓީތަކަށް ހިދުމަތް ދިނުމަށް ހުރި ގޮންޖެހުންތަކާއި މެދު އިލްމީ އަދި ފަންނީ ނަޒަރަކުން ބަހުސްކޮށް ގޮތްތަކެއް ނިމުމަކީ ކޮންމެހެން މުހިއްމު ބައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ މަސައްކަތްތައް ވަޒަންކުރެވޭނީ އެ ކައުންސިލްތައް މޮނީޓަރު ކުރެވޭނެ ރަނގަޅު ނިޒާމެއް ގެނެސްގެން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ކައުންސިލް ތައް އޮޑިޓް ކުރެވޭނެ އެކަށީގެންވާ ރަނގަޅު އުސޫލްތަކެއް ތަންފީޒު ކުރުންފަދަ ކަންކަމަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.