ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ލިއޮނަލް މެސީ ކާމިޔާބުކުރި ތިން ލަނޑާއެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ރަޔޯ ބަލިކޮށް، ލީގު ތާވަލުގެ އެއްވަނައިގައި މީގެ ކުރިން އޮތް ރެއާލް މެޑްރިޑް ފަހަތަށް ޖައްސައިލުމަށް ފަހު ބާސާ، ތާވަލްގެ އެއްވަނައަށް ޖެހިލައިފި އެވެ.

ރޭގެ ކާމިޔާބީ އާއެކު ބާސާ ވަނީ މިހާތަނަށް މުޅިއެކު 62 ޕޮއިންޓް ހޯދާފައެވެ. އަދި ރެއާލް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން އެތުލެޓިކް ކްލަބް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމުން، އެ ޓީމް ވަނީ މިހާރު 61 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ވެއްޓިފައެވެ. މިހާތަނަށް ލީގުގައި އެ ދެ ޓީމު ވެސް ވަނީ 26 މެޗު ކުޅެފައެވެ.

ރަޔޯއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ހޯދައިދިނީ މެޗުގެ ފަސްވަނަ މިނެޓުގައި ލުއިސް ސުއަރޭޒެވެ. ފުރަތަމަ ހާފްގައި ބާސާ އިތުރު ލަނޑަކަށް މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް އެ ހާފްގައި ވަނީ އިތުރަށް ލީޑު ފުޅާ ކުރެވޭގޮތް ނުވެފައެވެ.

ބާސާގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފް ފެށިތާ ހަތަރު މިނެޓު ތެރޭ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖެރާޑް ޕީކޭ އެވެ. އޭގެ ފަސް މިނެޓު ފަހުން ރަޔޯގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ޓީޓޯ ބާސާގެ ސުއަރޭޒަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެޓީމަށް ލީޑު ފުޅާކޮށްދިނީ ލިއޮނަލް މެސީ އެވެ.

ދެވަނަ ހާފްގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ރަޔޯ ވަޔެކާނޯއަށް މެޗުގައި މާ ނުރައްކާތެރި ހަމާލާއެއް އުފެއްދޭގޮތް ވަނީ ނުވެފައެވެ. އަދި އަދަދުގެ ބޭނުން ހިފައި، މެސީގެ ހުނަރާއެކު މެޗުގެ 63 ވަނަ މިނެޓުގައި އޭނާ ބާސާގެ ހަތަރު ވަނަ ލަނޑު ކަމިޔާބު ކުރިއިރު، 68 ވަނަ މިނެޓުގައި މެސީ ވަނީ މެޗުގައި އޭނާ ހެދި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މެޗުގައި ރަޔޯއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބު ކުރެވުނީ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނެވެ. ބަސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑެނީ އަލްވޭޒް ރަޔޯގެ ބިއުނޯއަށް ކުރި ފައުލަކުން ލިބުނު އެ ޕެނަލްޓީ ރަޔޯއަށް ކާމިޔާބު ކޮށްދިނީ ބިއުނޯ އެވެ. އަދި އެ ފައުލާއެކު ބާސާގެ އަލްވޭޒްއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލާފައެވެ.

މެޗުގެ ފަހު ވަގުތުކޮޅު ދެ ޓީމްވެސް 10 ކުޅުންތެރިންނާއެކު ކުޅުނު ނަމަވެސް، ބާސާ ވަނީ ފުރިހަމަ ވަގުތު ނިމި، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމްގެ ހަވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ސުއަރޭޒް އެވެ.