09 Mar 2015, 11:25
ފަސް ރުފިޔާގެ ނޫޓް އުވާލައި 1000 ރުފިޔާގެ ނޫޓެއް ތައާރަފު ކުރުމަށް މޯލްޑިވުސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
މަރުކަޒީ ބެންކް އެމްއެމްއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ މިއަހަރު އަލަށް ތައާރަފް ކުރާ ފައިސާއާއެކު 1000 ރުފިޔާ ތައާރަފް ކުރާނެ ކަމަށެވެ. އަދި ފަސް ރުފިޔާގެ ނޫޓް އުވާލައި ފަސް ރުފިޔާއަކީ ފައިސާ ފޮއްޗަކަށް ހެދުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ފަސް ރުފިޔާ އުވާލަން ނިންމީ އެއީ މިހާރު މާރުކުރާ ނޫޓަކަށް ވުމުން ކަމަށެވެ. އަދި 1000 ރުފިޔާ ތައާރަފް ކުރަން ނިންމީ ބޮޑެތި ފައިސާގެ މުއާމަލާތް ކުރައްވާ ފަރާތްތަކަށް ފަސޭހައަކަށް ކަމަށް ވިދާޅުވި އެވެ.
"ދިރާސާއިން ދައްކާގޮތުން ފަސް ރުފިޔާގެ ނޫޓް މިހާރު ވަނީ މާރުކުރާ ޑިނޯމިނޭޝަލް އަކަށް ބަދަލުވެފަ، އެހެންކަމުން ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ފަސް ރުފިޔާގެ ފައިސާ ފޮއްޗަކަށް ބަދަލު ކުރަން ވަނީ ނިންމާފަ، އަދި މަތީ ވިޔަފާރި މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން 1000 ރުފިޔާގެ ނޫޓެއް މި ސީރީޒްގައި ހިމަނަން ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ،" ގަވަރުނަރު އަޒީމާ ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ފަސް ރުފިޔާގެ ބަދަލުގައި ނެރޭ ފައިސާ ފޮތި އަންނަ އަހަރު ތެރޭގައި ތައާރަފް ކުރެވޭއިރު އަލަށް ތައާރަފްކުރާ 1000 ރުފިޔާ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށެވެ.