09 Mar 2015, 10:37
ލަވަ ޑިޓެކްޓް ކުރުމަށް މަޝްހޫރު އެޕްލިކޭޝަން "ޝަޒާމް"އިން ކައިރި މުސްތަގުބަލުގައި ތަކެތި "އައިޑެންޓިފައި" ކުރުމުގެ ހިދުމަތް ދޫކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަޑުއަހަމުންދާ ލަވައެއް ނޭނގޭ ކަމުގައިވާނަމަ އެއީ ކޮން ލަވައެއްކަން ބެލުމަށް ތައްޔާރުކޮށްފައިވާ ޝަޒާމަކީ 100 މިލިއަން މީހުން ބޭނުން ކުރާ އެޕަކަށް ވެފައި ހިދުމަތް ފުޅާ ކުރުމަށް އަޅާ އެ ފިޔަވަޅުގެ ސަބަބުން ބޭނުން ކުރާ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ޝަޒާމްގެ ސީއޯ ރިޗު ރައިލީ ވިދާޅުވި ގޮތުގައި އަލަށް ތައާރަފު ކުރާ ހިދުމަތުގެ ސަބަބުން ޑީވީޑީ އާއި ސީރިއަލް ބޮކްސް ފަދަ ތަކެތި އައިޑެންޓިފައި ކުރެވޭނެ އެވެ. އޭގެ ހުންނަ ނިއުޓްރީޝަނަލް މައުލޫމާތާއި ޑީވީޑީގެ މައުލޫމާތުތައް ފަސޭހައިން އެ ހިދުމަތުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހިދުމަތް އަންނާނެ ވަކި ދުވަހެއް ޝަޒާމް އިން ބުނެފައި ނުވި ނަމަވެސް "ކައިރި މުސްތަގުބަލެއް"ގައި ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޝަޒާމް އަށް މިއަހަރު 19 އަހަރު ވާއިރު އެ އެޕްލިކޭޝަން ވަނީ ތާރީހުގައި ވަރަށް ގިނަ ބަދަލުތަކަކާ ކުރިމަތި ލާފައެވެ. ގިނަ މިއުޒިކް ކުންފުނިތަކާ ގުޅިފައިވާ އެ އެޕްލިކޭޝަނަކީ އެންމެ ގިނައިން ޑައުންލޯޑުކުރާ 25 އެޕްލިކޭޝަންގައި އެތައް އަހަރެއް ވަންދެން ހިމެނެމުން އަންނަ އެޕްލިކޭޝަނެކެވެ.