މަރާމާރީއެއްގައި މާލޭގައި މަރުވި މީހެއްގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ކ. ކޯޒީ އިބްރާހީމް ޝަހުމު އާދަމް، 19، ހަ މަސް ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު، މަރުވި މީހާއާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީން ލިބެން ޖެހޭ އެއްބާރުލުން ނުލިބިގެން ޝަހުމު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށް ދޫކޮށްލައިފި އެވެ.

ސޯޝަލް ސެންޓަރު ފުރަގަހުގައި މިދިޔަ ޖުލައި 30ގައި ހިންގި މާރާމާރީއެއްގައި މަރުވި، މ. ބިއުޓީފްލާވާ މުހައްމަދު ހުސައިންގެ މަރުގެ "މެޑިކަލް ލީގަލް ރިޕޯޓް" ހޯދުމަށް ހެލްތު މިނިސްޓަރު އައިނަތު ޖަމީލަށް ފުލުހުން ސިޓީ ފޮނުވާފައިވާ ކަމަށް ފުލުހުންގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓްގައި ބުނެފައިވެ އެވެ.

ނަމަވެސް ގާނޫނު އަސާސީ އަށް ރިޔާއަތް ކުރައްވައި އަބްދުﷲ ގާޒީ ވިދާޅުވީ "ގާނޫނު އަސާސީގެ އެއްބަޔަށް އަމަލު ކުރުމަށް ފަހު އަނެއް ބަޔަށް އަމަލު ކުރުމަކީ ކޯޓްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ނޫން" ކަމަށެވެ. ގާޒީ ވިދާޅުވީ ޝަހުމް ބަންދުގައި ބެހެއްޓީ މުޖުތައުގެ ރައްކާތެރިކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ކޯޓުގައި އެދުމުން ކަމަށާއި ނަމަވެސް ހަ މަސް ދުވަސް ފާއިތުވެ ވެގެން ދިޔައިރު ވެސް ތަހުގީގު ފުރިހަމަނުކުރެވި، ސަރުކާރުގެ ވުޒާރާތައް ޖަވާބު ދާރީވެފައި ނުވެ، "ހެލްތު މިނިސްޓްރީން ޖަބާބުދާރީ ނުވުން އެއީ ބޮޑު ވަރު" ކަމަށާއި ހައްޔަރުގައި ޝަހުމް ބަހައްޓާފައި ހުރުމުން ހައްގުތައް ވެސް ގެއްލިގެންދާ ކަމަށެވެ.

މިއަދުގެ ޝަރީއަތް ނިންމާލައްވަމުން އަބްދުﷲ ގާޒީ ފުލުހުންގެ މައްޗަށް އަމަރުކޮށްފައި ވަނީ އޭނާ ވަގުތުން ދޫކޮށްލުމަށާއި އޭނާ މުޖުތަމައަށް ދޫވެގެން ދިއުމުން އެކަމުގެ ޒިންމާ ކޯޓުން ނުނަގާނެ ކަމަށެވެ. އަދި އޭނާ ދޫކޮށްލަން ޖެހުނީ ފުލުހުނާއި ހެލްތު މިނިސްޓްރީގެ އިހުމާލުން ކަމަށް ގާޒީ ވިދާޅުވި އެވެ.

ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރާ އެކު ޝަރީއަތުގެ މަޖިލީހުގައި ފުރަގަހަށް ބިޑި އަޅުވާފައި ހުރި ޝަހުމްގެ ބިޑި ފުލުހުން ނައްޓާލައި އޭނާ ހައްޔަރުން ދޫކޮށްލާފައިވެ އެވެ.