10 Apr 2010, 12:19
10:00
ރަށްފުށުގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންގެ މެދުގައިއެއްބައިވަންތަކަމުގެ ގުޅުމެއް ބާއްވައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޣާޒީ ސްކޫލުގައި ރޭ ބޭއްވި ޙަފްލާގައި، ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިޢާރު ކަމަށްވާ "ރަށްވެހިކަމާއި ޞިއްޙަތު" މި ޝިޢާރަށް ބައްލަވައިލައްވަމުން ނާއިބު ރައީސް ވިދާޅުވީ، މި ޝިޢާރަކީ އަޅުގަނޑުމެން އެ ޝިޢާރަކާ ދޭތެރޭ ވިސްނައި ސަމާލުކަން ދޭންޖެހޭ ޝިޢާރެއްކަމަށެވެ.
އަދި ޞިއްޙަތު ގުޅިފައިވަނީ އަޅުގަނޑުމެންގެ ރަށްރަށަށާއި، ޖަމާއަތްތަކަށް ކަން ހަނދާންކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އަޅުގަނޑުމެން ދޭންޖެހޭ ޚިދްމަތް ރަނގަޅަށް ދެވޭނީ ސާފުތާހިރު އަދި ޞިއްޙީ ގޮތުން ދިރިއުޅެވޭނެ މާޙައުލެއް އޮވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ބަލި މީހުން މާލެއަށް ނުގެނެސް ހުޅުމާލޭ ހޮސްޕިޓަލުން ފަސޭހަކަމާއެކު ޚިދްމަތްދެވޭ ފެންވަރަށް އެ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ނައިބު ރައީސް ބައްލަވާލެއްވި އެވެ.
އަދި ކުރިމަގުގައި އުފެދިގެންދާ ހެލްތް ކޯޕަރޭޝަނަކީ، ޞިއްޙީ ޚިދްމަތް ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.