09 Mar 2015, 10:33
ދައުވާ އުފުލުމަށް ފަހު، މުރާޖާކުރަން އަނބުރާ ގެންދިޔުމަށް ފަހު، ކުރިން އުފުލި ދައުވާގެ ބަދަލުގައި އެހެން ދައުވާއެއް ކުރުމުގެ ބާރު ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައެއް ނުގަތެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ އެ މައްސަލައަކީ އިދާރީގޮތުން ނިންމި ނިންމުމެއް ގާނޫނު އަސާސީ އާއި
ގާނޫނާއި ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހެޅި މައްސަލައެއް ކަމަށްވެފައި، މިބާވަތުގެ މައްސަލަ ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެން ނުވާނެކަމަށް ސްޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.
ދުސްތޫރީ މައްސަލައިގެ ގޮތުގައި ހައިކޯޓުން ބެލުމުގެ އިހްތިސާސް ލިބިފައިވާ މައްސަލަތަކަކީ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ގާނޫނު އަސާސީ އާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ސްޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ގާނޫނު އަސާސީއާ ނުވަތަ ގާނޫނަކާ ތަޢާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަކަން ގާނޫނު ކޯޓުތަކުގެ ގާނޫނުގެ 23 ވަނަ މާއްދާ އާއި ހައިކޯޓުގެ ގަވާއިދުގެ 52 ވަނަ މާއްދާއިން އެނގެން އޮންނާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.
ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ކ)ގައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުން، ޖިނާއީ ދައުވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން ހިންގަން ފަށާފައިވާ ޖިނާއީ ދައުވާއެއް ކުރިއަށްގެންދިޔުމަށް ހަވާލުވުމާއި މިފަދަ ދައުވާތައް މުރާޖާކޮށް އަނބުރާ ގެންނާން ޕްރޮސިކިއުޓާ ޖެނެރަލް އަށް ފެނިއްޖެ ކޮންމެ ދައުވާއެއް ކޯޓުން ހުކުމް އިއްވުމުގެ ކުރިން އަނބުރާ ގެނެވިދާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނީ އުފުލާފައިވާ ދައުވާއެއް މުރާޖާކުރުމަށް އަނބުރާ ގެނެސް އެހެން ދައުވާއެއް ކުރެވިދާނެ ކަމަށް ޕީޖީގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައެއްގައި އެ ކޯޓުން އިއްވި ހުކުމްގައި، އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ދައުވާ އަނބުރާ ގެންދިޔުމަށް ފަހު އެ މައްސަލަ ދެން ޕްރޮސިކިއުޓާ ޖެނެރަލް އަށް ކޯޓަށް ހުށަނޭޅޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެހެންނަމަވެސް މުރާޖާކުރަން އަނބުރާ ގެންދިޔުމަށް ފަހު އެހެން ދައުވާއެއް އުފުލިދާނެތޯ ނުވަތަ ނޫންތޯ އެ މައްސަލާގައި ކަނޑައަޅާފައެއް ނުވެ އެވެ.