09 Mar 2015, 10:21
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ބެންޗުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފާ އެކު އެއް މޭޒެއްގައި ރޭ ކޮފީއެއް ބައްލަވަން ވެސް އަދި ވާހަކަ ދައްކާލުމަށް ވެސް ބައްދަލު ނުކުރައްވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
މާފަންނު "ކެފޭ ލަޔާލ"ީގައި ޕީޖީ މުހުތާޒާއި ގާޒީ ބާރީ ރޭ ބައްދަލު ކުރެއްވި ކަމަށް ބުނާ ވާހަކަތަކެއް ފެތުރިފައި ވަނިކޮށް، ޕީޖީ މުހުތާޒު މިއަދު "ސަން" އަށް ވިދާޅުވީ ގާޒީ ބާރީ އާއި އޭނާ ރޭ ބައްދަލު ނުކުރައްވާ ކަމަށެވެ. "ކެފޭ ލަޔާލީ"އަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ތަނަކަށް ވުމުން އެތަނަށް ވަރަށް ގިނައި ކޮފީ ބައްލަވަން ވަޑައިގަންނަވާ ކަމަށް ވެސް މުހުތާޒު ވިދާޅުވި އެވެ.
"އަޅުގަނޑު އެތަނަށް [ކެފޭ ލަޔާލީ] އަށް ދިޔައިން. އެތަނަށް އަޅުގަނޑު ދިޔައީ ދެ މީހަކާ ވެސް އެއްކޮށް. އަޅުގަނޑު އެތަނަށް ދިޔައިރު ގާޒީ ބާރީ ވެސް އިންނެވި. ނަމަވެސް އެހެން މޭޒެއްގައި އެބޭފުޅާ [ގާޒީ ބާރީ] އިންނެވީ. ދެން އެ ނުވާނެ ދެއްތޯ އަޅުގަނޑާ ގާޒީ ބާރީއާ ބައްދަލުކުރެއްވި ކަމަކަށެއް. އެބޭފުޅުން [ރާއްޖެ ޓީވީގެ ނޫސްވެރިން] ނަކަށް ނުފެންނާނެ އަޅުގަނޑާ ގާޒީ ބާރީއާ އެއް މޭޒެއްގައި އިންނަނިކޮށެއް. އެއީ ހަމަ ކަނޑައެޅިގެން ދޮގެއް،" ޕީޖީ މުހުތާޒު ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ އެތަނަށް ފުލުހުން އައިސް ރާއްޖެ ޓީވީ ނޫސްވެރިން ހައްޔަރު ކުރެއްވި ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރު ކޮށްފައި ވަނީ ހުއްދަ ނުނަގައި ރެސްޓޯރެންޓެއްގެ ތެރެ ވީޑިއޯ ކުރަމުން ދާތީ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.