09 Mar 2015, 10:19
މިދިޔަ އަހަރު އެންމެ ގިނައިން ހަތިޔާރު އެތެރެކުރި ގައުމަކަށް ސައުދީ އަރަބިއްޔާ ވެއްޖެ އެވެ.
ދިފާއީ ކަންކަން ދިރާސާ ކުރާ މީހެއް ކަމަށްވާ އައިއެޗް އެސް ޖޭން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ސައުދީ އަރަބިއްޔާ އިން މިދިޔަ އަހަރު 6.4 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަނެފައިވެ އެވެ. ސައުދީން މިދިޔަ އަހަރު ކުރި ހޭދަ އަކީ ހަތިޔާރު އެތެރެކުރުމުގައި ދުނިޔޭގެ ރެކޯޑްގެ ގޮތުގައި ކުރިން އޮތް އިންޑިއާ އިން ހޭދަކޮށްފައި ވަނީ 5.57 ބިލިޔަން ޑޮލަރެވެ. ދުނިޔޭގެ 65 ގައުމެއްގެ ހަތިޔާރުގެ ބާޒާރު ބަލައިގެން ކުރި އެ ދިރާސާއިން ދައްކާފައިވާ ގޮތުގައި ސައުދީ އަރަބިއްޔާ އިން ހަތިޔާރަށް ކުރާ ހޭދަ މިދިޔަ އަހަރު ވަނީ 54 ޕަސެންޓަށް އިތުރުވެފަ އެވެ.
ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އިން މިދިޔަ އަހަރު ހަތިޔާރަށް ހޭދަކުރި ފައިސާގެ ޖުމްލަ އަދަދަކީ 8.6 ބިލިޔަން ޑޮލަރެވެ. މިއީ ޔޫރަޕްގެ ހުރިހާ ގައުމަކުން ހަތިޔާރު ގަތުމަށް ހަރަދުކުރި ފައިސާގެ ޖުމްލަ އަށް ވުރެ އިތުރު އަދަދެކެވެ.
ދިރާސާ އިން އެނގިފައިވާ ގޮތުގައި މެދުއިރުމަތީގެ ގައުމުތަކުން ހަތިޔާރު ގަތުމަށް ކުރި ހޭދައިގެ ބޮޑު ބައެއް ލިބިފައި ވަނީ އެމެރިކާ އަށެވެ. އެގޮތުން މެދު އިރުމައްޗަށް ހަތިޔާރު ވިއްކައިގެން އެމެރިކާ އިން މިދިޔަ އަހަރު 8.4 ބިލިޔަން ޑޮލަރު ހޯދާފައިވެ އެވެ.
ހަތިޔާރު ވިއްކައިގެން އެންމެ ގިނަ ފައިސާ މިދިޔަ އަހަރު ވެސް ހޯދާފައި ވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކާ އިން 23.7 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކި އިރު ދެވަނަ އަށް އެންމެ ގިނަ ހަތިޔާރު ވިއްކި ރަޝިޔާ އިން ވިއްކާފައި ވަނީ 10 ބިލިޔަން ޑޮލަރުގެ ހަތިޔާރެވެ.