ޓެލްއަވީވް (މާޗް 9) : އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ނުފައިބާނެ ކަމަށާއި އަދި މިނިވަން ދައުލަތެއް ގާއިމްކުރުމުގެ ފުރުސަތު ވެސް ފަލަސްތީނަށް ނުދޭނެ ކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެއްޖެ އެވެ.
އިސްރާއީލުގައި ބާއްވާ އާންމު އިންތިޚާބަށް ކެންޕޭން ކުރުމުގެ ގޮތުން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ނަތަނިޔާހޫ ވިދާޅުވީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ދައުލަތާ އެކު ފަލަސްތީނުގެ ދައުލަތެއް އޮންނަ ގޮތަށް ދެ ދައުލަތުގެ ޙައްލެއް އޭނާގެ ސަރުކާރުން މިހާރު ބޭނުންނުވާ ކަމުގަ އެވެ. އަދި ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި، ހުޅަނގު އައްސޭރީގެ ބިންތަކުން ފައިބަން ވެސް އިސްރާއީލު ބޭނުންނުވާ ކަމަށް ނަތަނިޔާހޫ ވިދާޅުވި އެވެ.


ނަވާރަސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު އިސްރާއީލާއި ފަލަސްތީނުން ސޮއިކުރި އޮސްލޯ ސުލްޙައިގެ އެއްބަސްވުން ބިނާވެފައި ވަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ އިތުރުން ފަލަސްތީނުގެ ދައުލަތެއް ވެސް ގާއިމްކުރާ ގޮތަށް ދެ ދައުލަތުގެ ޙައްލުގެ މައްޗަށެވެ. އަދި ފަލަސްތީނުގެ މައްސަލަ ޙައްލުކުރުމަށް އދ. ން ފާސްކޮށްފައިވާ ގަރާރުތައް ވެސް ބިނާކޮށްފައި ވަނީ ހިފާފައިވާ ބިންތަކުން އިސްރާއީލު ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ މައްޗަށެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރިއަކީ 1967ގައި އަރަބި އިސްރާއީލު ހަނގުރާމައިގާ ގަދަބާރުން އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިމެކެވެ. މިބިމުގައި އިސްރާއީލު ގެންދަނީ ޔަހޫދީން ވަޒަންވެރި ކުރުވައި ފަލަސްތީނުގެ ދައުލަތެއް އެތަނުގައި އުފެއްދުމުގެ ފުރްސަތު ހަނިކުރުމަށް ޓަކައި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާ އަދި ގާނޫނުތަކާ ވެސް ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ފާއިތުވި 40 އަހަރު ތެރޭގައި އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގައި 800،000 އަށް ވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކުރުވާފަ އެވެ. މިކަމުގެ ބޭނުމަކީ މިބިންތަކުން ޔަހޫދީން ވަޒަންވެރިވެފައިވާ ކަމަށްބުނެ އެމީހުން ސަލާމަތް ކުރުމުގެ ބަހަނާގައި އެބިންތަކުން ނުފާބައިވާނެ ގޮތެއް ހެދުމެވެ. (އަލްޖަޒީރާ)