09 Mar 2015, 09:45
ރިޔާޟް (މާޗް 9) : ޔަމަނަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖޭސީސީ)ގެ ޚާއްސަ ބައްދަލުވުމެއް ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޟްގައި ބޭއްވުމަށް ނިންމައިފި އެވެ.
ޖޭސީސީގެ ސެކްރެޓޭރިއަޓުން ބުނީ މިބައްދަލުވުން ބޭއްވުމަށް އެޖަމްޢިއްޔާގެ މެންބަރު ގައުމުތަކުން އެއްބަސްވީ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ އެދިވަޑައިގަތުމަކަށެވެ. މިބައްދަލުވުމުގެ ބޭނުމަކީ ސަންޢާގައި ކުރިޔަށްދިޔަ ޔަމަންގެ ވާދަވެރި ސިޔާސީ ހުރިހާ ފަރާތްތަކެއް ޝާމިލްވާ ސުލްޙައިގެ ވާހަކަތައް ޖޭސީސީގެ ބެލުމުގެ ދަށުން ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޟްގައި ކުރިޔަށް ގެންދިޔުން ކަން ރައީސް ހާދީ އަންގަވާފައިވާ ކަމަށް ވެސް ޖޭސީސީގެ ސެކްރެޓޭރިއަޓުން ބުނެ އެވެ.
މިބައްދަލުވުން ރިޔާޟްގައި ކުރިޔަށްގެންދަން އެއްބަސްވާކަން ނުވަތަ ނޫންކަން ޔަމަންގެ ވެރިކަމުގެ ނިޒާމު ކޮންޓްރޯލްކުރާ ޙޫޘީ ޖަމާއަތުން ހާމަކޮށްފައެއް ނުވެ އެވެ. ހޫޘީ ންނަކީ ޔަމަންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ސަޢޫދީ އަރަބިޔާ ވަންނަމުންދާ ކަމަށް ތުހުމަތުކުރާ ޖަމާއަތެކެވެ. ނަމަވެސް ޔަމަންގެ ކަންކަމުގެ ތެރެއަށް އީރާން ވެއްދުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ހޫޘީންގެ މައްޗަށް ވެސް ކުރެވިފައިވެ އެވެ.
ހޫޘީންނާ އަދި ޔަމަންގެ ނުފޫޒުހުރި ހުރިހާ ސިޔާސީ ފަރާތްތައް ޝާމިލްކޮށްގެން ނޫން ގޮތަކަށް ބާއްވާ އެއްވެސް މަޝްވަރާތަކަކުން އެގައުމުގެ މައްސަލައަށް މައްސަލައަށް ޙައްލެއް ނާންނާނެ ކަމަށް ޔަމަނަށް ކަނޑައަޅާފައިވާ އދ.ގެ މަންދޫބު ޖަމާލް ބިން އުމަރުވަނީ ވިދާޅުވެފަ އެވެ. ޔަމަންގެ ވާދަވެރި ސިޔާސީ ހުރިހާ ފަރާތްތަކެއް ޝާމިލްވާ ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދިޔުމަށް ޙޫޘީން ބޭނުން ވަނީ އެގައުމުގެ ވެރިރަށް ސަންޢާގަ އެވެ. ސަންޢާއަކީ ޙޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ރަށެކެވެ. ނަމަވެސް ރައީސް ހާދީ ބޭނުން ވަނީ މިވާހަކަތައް އޭނާގެ ކޮންޓްރޯލް އޮންނަ އަދަންގައި ނޫނީ އޭނާއަށް ތާއީދުކުރާ ގަލްފުގެ ގައުމުތަކުގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔުމަށެވެ. (އަލްޖަޒީރާ)