ސްކޫލް ޔުނިފޯމުގައި ތިބި ދަރިވަރުން ތަކެއް "ޒާތަކަށް ހެލިފެލިވެ" ސަލާން ޖަހަނީ އެވެ. ބައެއް ދަރިވަރުން ފައިސާ ހޯދުމަށް ޓަކައި މަސައްކަތެއް އަތުޖެހޭތޯ ކޮޅުކޮޅަށް ދުވެ، ފުމެނީ އެވެ. އަނެއްބައި ކުދިން ހަޅޭއްފަޅޭއްޖަހަނީ އެވެ. އެކުދިން އެދެމުން ދިޔައީީ ފައިސާގެ އެހީއެއް "ހައްގު" ވާނޭ ފަދަ މަސައްކަތަކަށެވެ. ފައިސާ ދޭމަތިން ސައިކަލާއި ކާރު ފޮހެދެ އެވެ. މީހުންގާތު އާދޭސް ކުރަމުން ދިޔައީ ސްކޫލުގެ އެކިއެކި މަރާމާތުތަކަށް ނުވަތަ އެ ދަރިވަރުންގެ އުނގެނުމާ ގުޅުންހުރި ކަންތައްތައް ކުރިއަށް ގެންދިއުމަށް ފައިސާ ބޭނުންވާ ކަމަށް ބުނެ އެވެ. މިއީ ފުރަމާލޭގެ ބޭރުމަގުން ދުއްވާލަން ނުކުތުމުން ފެނުނު މަންޒަރުތަކެއްގެ ވާހަކަ އެވެ.

"ދުއްވާފައި ދަނިކޮށް ކުއްލިއަކަށް މިއަރަނީ ކާރުގެ ކުރިމައްޗަށް، އަރާ މިބުނަނީ ކާރު ފޮހެދޭނަމޭ ފައިސާ ދޭށޭ. އެވަރު ކުދިންތަކެއް އެހެން ބުނީމަ ނުދީ ނުކެރޭނެ ދޯ. މަ ވެސް ދިނިން 50 ރުފިޔާ. އަނެއްކާ އަހަރެމެންނަށް ރީއްޗަށް ދުއްވާފައި ދެވޭނަމަތާ އެހިސާބުން ދެވޭނީ ވެސް. ސީދާ އަރަނީ ކާރު ކުރިމައްޗަށް. މިއީ ކިޔަވާ ކުދިންތަކެއް ނެރެގެން އުޅެންޖެހޭ ގޮތެއް ނޫން،" ޓެކްސީ ޑްރައިވަރަކު އޭނާގެ ޝަކުވާތައް ހިއްސާ ކުރަމުން ބުންޏެވެ.

ސްކޫލުތަކުން ފަންޑުރެއިޒް ކުރުމަށް މަގުމަތީ ހަރަކާތްތައް ހިންގުމަކީ ޒަމާންވީ އާދައެކެވެ. ޒަމާނަށް އަންނަ ބަދަލުތަކާ އެކު އެ ހަރަކާތްތައް ހިންގާ ފެންވަރާއި ބޮޑުކުޑަމިނާއި ވައްޓަފާޅި ވެސް ތަފާތެވެ. މީގެ ކުރިން ގޭގެއަށް ގޮސް ބަތް ކައްކައިދިނުމާއި ވަޅުދިޔަ ހިއްކައިދިން ދުވަސް މާޒީވެ މިއަދު މިއޮތީ ކަޕްކޭކް ވިއްކުމާއި ސައިކަލާއި ކާރު ފޮހޭ ޒަމާނަށް ޒަމާން ބަދަލުވެފަ އެވެ. ފައިސާ ހޯދުމަށް ކިޔަވާ ކުދިންނާއި ޓީޗަރުންނާއި ބެލެނިވެރީން ވެސް ހަރަކާތްތެރިވެ އެވެ.

ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރީން ގުޅިގެން ހިންގާ އެފަދަ ހަރަކާތްތަކުން ގިނަ އަދަދެއްގެ ފައިސާ އެއްކުރެ އެވެ. މިފަހަކަށް އައިސް ބައެއް ސްކޫލްތަކުން ހިންގި އެފަދަ ޕްރޮގުރާމްތަކުގައި 50،000 ރުފިޔާއާއި 20،000 ރުފިޔާއާއި ދޭތެރޭ އަދަދަކަށް ފައިސާ ހޯދާފައި އެބަހުއްޓެވެ. ގިނަ ފަހަރަށް އެފަދަ ހަރަކާތްތައް ހިންގައިގެން ފައިސާ ހޯދަނީ ދަރިވަރުންނަށް ހިންގާ ތަފާތު އެކިއެކި އިތުރު ހަރަކާތްތައް ހިންގުމަށެވެ. ނުވަތަ ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ބައެއް އާލާތްތައް ހޯދުމަށެވެ. ނުވަތަ ދަރިވަރުން ނޫނީ މުދައްރިސުން ތަފާތު ދަތުރުތައް ދިއުމަށެވެ. އެގޮތަށް ފަންޑުރެއިޒްކޮށްގެން ލިބޭ ފައިސާއިން ބައެއް ސުކޫލްތަކުގައި މުދައްރިސުންގެ ދުވަސް ފާހަގަކޮށް މުދައްރިސުން އެކިއެކި ދަތުރުތައް ގޮސްފައި ވެސް އެބަހުއްޓެވެ.

ސްކޫލްތަކުން ހިންގާ އެފަދަ ފަންޑްރައިޒިން އިވެންޓްތައް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުއްދަދީފަ އެވެ. އެކަމަށް ހުއްދަ ދިނުމަށް އެކުލަވާލާފައިވާ އުސޫލްގައި ވާގޮތުން ކުދިންގެ 'ވެލްފެއާ' ކަންކަމުގައި ހަރަދު ކުރުމަށް ފަންޑްރައިޒިން އިވެންޓުތައް ބޭއްވޭނެ އެވެ. ހަމައެހެންމެ ފައިސާ ހޯދަން ހިންގާ ހަރަކާތްތަކަކީ، ކިޔަވާ ކުދިންތަކެއް ލައްވައި ކުރެވޭ ފަދަ މަސައްކަތަކަށް ވާންޖެހޭނެ ކަމަށާއި އެއީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަމެއް ނާންނަ ފަދަ މަސައްކަތަކަށް ވާން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

"ފަންޑު ހޯދާ ބޭނުން ވެގެންވާނީ ކުދިންގެ އެކިއެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ފައިސާއަށް. މިސާލަކަށް ލައިބްރަރީއަށް ފޮތް ހޯދުން ފަދަ ކަންކަން. އެއްވެސް ގޮތަކަށް ސްކޫލް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް އެފަދަ ހަރަކާތްތައް ހިންގިގެނެއް ނުވާނެ. ސްކޫލް މަރާމާތު ކުރުމަށް ކޮންމެ އަހަރަކު ސަރުކާރުން ދޭނެ ބަޖެޓެއް. އެހެން ކަމުން އެމަސައްކަތް ކުރަން ޖެހޭނީ އެބަޖެޓުގެ ތެރެއިން،" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނަމަވެސް ފަހަކަށް އައިސް ސްކޫލް ކުދިން ފަންޑުހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މަދުން ނަމަވެސް ސްކޫލުގެ މަރާމާތަށް ފައިސާ ބޭނުންވާ ކަމަށް ބުނާ އަޑުއިވެ އެވެ. އެފައިސާ ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކިޔަވާކުދިންގެ ފަރާތުން ފެންނަން ނުވާނެ ފަދަ ބައެއް ކަންކަން ހިނގާފައި އެބަހުއްޓެވެ. މަގުތައް މަތީ އެކަށީގެން ނުވާވަރަށް ހަލަބޮލިވެ، އަޑު ގަދަ ކޮށްފައިވާ މަންޒަރު ފެނިފައި އެބަހުއްޓެވެ. އެފަދަ ވަގުތުތަކުގައި އެކުދިންނާއި ހަވާލުވެ ބެލެނިވެރި ކޮންމެވެސް ބަޔެއް އުޅުންނަމަވެސް މިއިވޭ އަޑުތަކުންނާއި ފެންނަ މަންޒަރުތަކުން ރަނގަޅަށް ނުބެލެހެއްޓޭކަން އެބަ ހާމަވެ އެވެ. ހަމަ އެހެންމެ މިއަދުގެ މުޖުތަމައުގެ ހާލަތުން ކުދިންނަށް ވެސް ބައެއް ނޭދެވޭ އަޑުތައް އިވިފައި އެބަހުއްޓެވެ.

"އަސްލު ގިނަ މީހުން ވަރަށް ރަނގަޅު. ސައިކަލް ފޮހެން ނުދީ ލާރި ދީފައި އެބަހުރި. އެކަމަކު ބައެއް މީހުން ފޮށޭ، ބައެއް ހުތުރު ކަންކަން ބުނެ އެކަންކަން ކޮށްދިނީމަ ފައިސާ ދޭނަމޭ ބުނެފަ އެބަހުރި. ދެން އަހަރުން ހަދާގޮތަކީ އެކަހަލަ މީހަކު އައީމަ އަޅާނުލަނީ،" ސްކޫލަކުން ހިންގި ފަންޑްރައިޒިން ޕްރޮގުރާމެއްގައި ބައިވެރި އަންހެން ދަރިވަރަކު ބުންޏެވެ.

ތައުލީމީ ދާއިރާގެ ތަޖުރިބާ ކާރުންގެ ވާހަކަތަކަށް ބަލާ އިރު އެފަދަ ފަންޑުރައިޒިން ޕްރޮގްރާމްތަކަކީ ދަރިވަރުންނަށް އޭގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ކުރުވާނެ ކަމެކެވެ. އެގޮތުން ކުއްޖާ ގޭތެރޭ މާހައުލުން ނިކުމެ ދިރިއުޅުމަށް ތައްޔާރުވުމަށް ދަސްކޮށްދެވުމާއި މަސައްކަތްކުރުމަށް ކުދިންނަށް ފުރުސަތު ދެވެ އެވެ. ހަމަ އެހެންމެ ފައިސާއަކީ މަސައްކަތުން ހޯދާ އެއްޗެއް ކަން ކުދިންނަށް ވިސްނި ފައިސާގެ އަގުވަޒަން ކުރުމަށް އެފަދަ އިވެންޓުތަކުގެ ސަބަބުން ދަސްވެގެންދާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ނަމަވެސް މުޖުތަމައުގެ ހާލަތުންނާއި އެފަދަ އިވެންޓުތަކުން ނޭދެވޭ އެތައްކަމެއް ހިނގާކަމަށް އެފަރާތްތަކުން ދެކެ އެވެ.

"އެކަން [ފަންޑްރައިޒިން އިވެންޓް] އަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް. އެއީ ރާއްޖޭން ބޭރުގެ ގައުމުތަކުގައި ވެސް ކުރާކަމެއް. ނަމަވެސް އޭގެ އަނެއްކޮޅަކީ އަހަރެމެންގެ މުޖުތަމައުގައި މިހާރު އަހުލާގޭ ކިޔާއެއްޗެއް ނެތެއްނު. އެއީ މައްސަލައަކީ. ހަގީގަތުގައި އެކުދިންނަކަށް ނުޖެހޭނެ ޓެކްސީތައް ހުއްޓުވާކަށް ވެސް،" އެޑިއުކޭޝަންގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ކޮންމެއަކަސް މާތް މަގުސަދެއްގައި ހިނގަމުން ދިޔަ މިފަދަ އިވެންޓުތަކަށް ކަތި ނަޒަރަކުން ބެލޭނެ ބައެއް ކަންކަން މިއަދު އެބަހުއްޓެވެ. އެކަން ހުއްޓުވަން ޖެހެ އެވެ. ކުދިން ފަންޑްރައިޒިން ފަދަ އިވެންޓްތަކަށް ނެރޭ އިރު އެކުދިން މަސައްކަތް ކުރަންވީ ގޮތް ރަނގަޅަށް ބުނެދީ އޮރިއެންޓޭޝަންތައްދީ ކުއްލިއަކަށް އެގޮތަށް މަގުމައްޗަށް ނެރުމުގެ ބަދަލުގައި ފުރަތަމަ ކުރަން ޖެހޭ ކަންކަން ކޮށްފައި އެގޮތަށް މަގުމައްޗަށް ނެރުން މުހިންމެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި އެފަދަ ފަންޑްރައިޒިން އިވެންޓްތައް ހިންގާ ގޮތަށް ބަލާއިރު ރާއްޖޭގައި އެފަދަ އިވެންޓްތައް ހިންގޭނެ އެންމެ އެދެވޭ ގޮތަކަށް ފާހަގަކުރެވެނީ ކުދިން މަގުމައްޗަށް ނިކުތުމުގެ ބަދަލުގައި އެކުދިން ވަކި ސަރަހައްދެއްގައި ތިބެގެން ފަންޑަށް އެހީވާން ބޭނުންވާ ފަރާތްތައް، އެސަރަހައްދަށް ގެނެސް ފައިސާ ހޯދޭނެ އުސޫލްތަކެއް ހަމަޖެއްސުމެވެ. އެފަދަ އިވެންޓުތައް ބާއްވާ ކަމާއި އޭގެ މަގުސަދު ކުރިއާލާ އިއުލާންކޮށް އިޝްތިހާރު ކުރެވިއްޖެ ނަމަ އެސަރަހައްދަކަށް މީހުން ގެނެވޭނެއެވެ.

"އެކަހަލަ މާހައުލުތަކުގައި ކުދިން ވާހަކަ ދައްކަންވާނީ ރީތި ބަހުރުވައިން. މަޑުމައިތިރިކަމާ އެކު ރީތިކޮށް. ކޮންމެހެން ކުދިންތަކެއް ނެރެގެން ހަޅޭއްފަޅޭއްޖަހުވައި، ދާހާ މީހެއްގެ ފަހަތުން ދުވެގެން ފައިސާ ހޯދުމެއްނޫން މުހިންމީ" ތައުލީމީ ދާއިރާގެ އެކްސްޕާޓް ވިދާޅުވި އެވެ.

ކޮންމެއަކަސް މާތް މަގުސަދެއްގައި ޒަމާންތަކެއް ކުރިން ހިންގަން ފެށި އެހަރަކާތުގެ މަގުސަދު މިވަނީ އޮޅޭ ހިސާބަށް ގޮސްފަ އެވެ. ކިޔަވާ ކުދިންގެ ކިބައިން ފެންނަން ނުޖެހޭނެ އެތައް ކަމެއް ފެންނަ ކަމަށް ބުނެ އެތައް ބަޔެއްގެ ޝަކުވާ މިވަނީ ފެންމަތިވެފަ އެވެ. އެކަން އެގޮތަށް އެވަނީ ކުދިންނަށް ރަނގަޅަށް އުޅެންވީ ގޮތް ބުނެނުދީ މަގުތަކަށް ނެރޭތީ އެވެ. އެހެންކަމުން އެފަދަ އިވެންޓުތައް ބާއްވާއިރު ރަނގަޅު ރޭވުމެއްގެ މަތިން ނޭދެވޭ އަހުލާގެއް ނުފެންނާނެ ފަދަ ގޮތްތަކަކަށް ކަންކަން ރާވަންޖެހެ އެވެ. ހަމައެހެންމެ ކުދިންގެ ރައްކަލާއި، ނޭދެވޭ އަޑުތައް އިވުނަ ނުދޭން ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.