ކުންފުނިތަކުގެ އަހަރީ ފީ މި ހިނގާ މާޗް މަހުގެ 31 ގެ ނިޔަލަށް ދައްކަންޖެހޭ ކަމަށް މީރާގެ ޑިރެކްޓާ ޖެނެރަލް ފަތުހުﷲ ޖަމީލު ވިދާޅުވެއްޖެ އެވެ.

ފަތުހުﷲ ވިދާޅުވީ ޕްރައިވެޓު ކުންފުނިތަކުން ދައްކަން ޖެހެނީ 2000 ރުފިޔާ އަދި ޕަބްލިކް ކުންފުނިތަކުން ދައްކަން ޖެހެނީ 10،000 ރުފިޔާ ކަމަށެވެ.

މާޗް މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކާ ފަރާތްތަކުން އެޕްރިލްމަހުގައި އެ ފައިސާ ދައްކާ ނަމަ ބަލައިގަނެވޭނީ 1000 ރުފިޔާގެ ޖޫރިމަނާ އެކުގައި ކަމަށާއި މެއި މަހު އެ ފައިސާ ދައްކާނަމަ ބަލައިގެނެވޭނީ 2500 ރުފިޔާގެ ޖޫރިމަނާ އާއި އެކުގައި ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

ކުންފުނިތަކާއި ބެހޭ ގާނޫނުގައިވާ ގޮތުން ޖޫން މަހުގެ ނިޔަލަށް އަހަރީފީ ނުދައްކައިފިނަމަ އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފެށުމުގެ އިޚްތިޔާރު ރެޖިސްޓްރާރ އޮފް ކޮމްޕެނީސް އަށް ލިބެ އެވެ.

" އަޅުގަނޑު ހުރިހާ ކުންފުނިތަކަށް ވެސް އިލްތިމާސް ކޮށްލަން ބޭނުން ފަހު ވަގުތު ޖެހުމުގެ ކުރިން އަހަރީ ފީ ދައްކަން" ރެޖިސްޓްރާރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވި އެވެ.

މީރާއިން މިހާރުވެސް ދަނީ އަހަރީ ފީ ބަލައިގަންނަމުންނެވެ.

އިކޮނަމިކް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާ ގޮތުން ވިޔަފާރި ކުންފުނީގެ ގޮތުގައި އެގާރަ ހާހަށް ވުރެ ގިނަ ކުންފުނި ވަނީ ރަޖިސްޓްރީކޮށްފަ އެވެ.