ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން ދީފައިވާ އިތުބާރު ނަހަމަ ގޮތުގައި ބޭނުން ހިފައި ގާނޫނު އަސާސީގެ ރޫހާ ހިލާފަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ، އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެނައުމަށް އެޕާޓީން މިރޭ ނިންމައިފި އެވެ.

ސަރުކާރަށް ކުރަމުންއައި ތާއީދު އަނބުރާ ގެނައުމަށް އަދާލަތު ޕާޓީން ނިންމާފައި ވަނީ، އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހަށް ފަހު އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، އަދާލަތު ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކޮށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް އެ ޕާޓީން މަސައްކަތްކޮށްދީފައި ވާނޭ ކަމަށެވެ. ނަމަވެސް މިސަރުކާރު އުފެދި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކަރަޕްޝަނާއި ފަސާދައިގެ ކަންކަން ފެތުރި، އަދުލު އިންސާފު ގެއްލި، އަނިޔާވެރިކަން އިތުރުވަމުންދާ ކަމަށާއި ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ސަރުކާރުން ބާރުތައް އެއްކުރަމުންދާ ކަމަށް އެ ޕާޓީ އަށް ފެންނާތީ ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެނައުމަށް ނިންމީ ކަމަށެވެ.



"މި ފިޔަވަޅު އަޅަން ޖެހުނީ، ކަންކަން އިސްލާހުކުރުމަށް ޓަަކައި ރަސްމީގޮތުންނާއި ނުރަސްމީގޮތުން ކުރެވުނު މަޝްވަރާތަކާއި މަސައްކަތްތައް ފެއިލްވެ، ސަރުކާރުގެ ތެރޭން އިތުރަށް ކުރޭވޭނެ ކަމެއް ނެތްކަން ކަށަވަރުވުމުންނެވެ." އަދާލަތު ޕާޓީ އިން ނެރުނު ނޫސްބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީ އިން ސަރުކާރަށް ކުރަމުންއައި ތާއީދު އަނބުރާ ގެންނަން ނިންމިކަން އެޕާޓީން ހާމަކޮށްފައި މިވަނީ، އެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބުދުﷲ، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި އެބޭފުޅުން ދެއްކެވި ވާހަކަފުޅުތައް އާންމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގަސްތުކުރައްވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވަނިކޮށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ވިދާޅުވެފައި ވަނީ، އަދާލަތު ޕާޓީގެ އެދިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާއި އަދާލަތުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެ ޕާޓީގެ ރައީސް ޝެއިހް އިމްރާނު، ރައީސްގެ އަރިހުން އެދިލެއްވި ކަންތައްތައް އިމްރާނުގެ އިއުތިރާޒެއް ނެތް ނަމަ ހާމަކުރެއްވުމަށް ރައީސް ގަސްތު ކުރައްވާ ކަމަށެވެ. އަދި އެކަން އަންގަވައި އިމްރާނަށް ރައީސްގެ ސިޓީފުޅެއް ފޮނުވާފައިވާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވެފައި ވަނީ އެ ބައްދަލުކުރެއްވުމުގައި އިމްރާން ދެއްކެވި ވާހަކަފުޅުތައް ހާމަކުރައްވާން ރައީސް ގަސްތުކުރެއްވީ، ސަރުކާރުގެ ފަރާތުން ގާނޫނާ ހިލާފް ނުވަތަ އިސްލާމްދީނާ ހިލާފް ކަމެއް ކުރައްވާކަމެއް އެ ބައްދަލުކުރެއްވުމުގައި އިމްރާނު ވިދާޅުވެފައިނުވާއިރު އޭގެ ފަހުން އެމޭރުމުން ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ ކަމަށެވެ.