17 Feb 2011, 11:56
ޖޭއެސްސީގެ އެއްވެސް ސިއްރެއް ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނާ ހިލާފަށް އެއްވެސް ފަރާތަކުން އާންމު ކޮށްފައިވާނަމަ އެކަމާމެދު އަމަލު ކުރަން އޮންނަ ގޮތަށް އެ މައްސަލައެއް ތައްޔާރުކޮށް އެޖެންޑާ ކުރުމަށް ޖޭއެސްސީގެ މެންބަރު އައިޝަތު ވެލެޒިނީ އެދިވަޑައިގެންފި އެވެ.
ޖޭއެސްސީން މިއަދު ބާއްވާ ޖަލްސާގެ އެޖެންޑާއާބެހޭ ގޮތުން، އެ ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލްކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މުންޑޫ އަބްދުލް ފައްތާހަށް ވެލެޒިނީ މިއަދު ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މިއަދަށް ތާވާލުކޮށްފައިވާ ޖަލްސާގެ އެޖެންޑާގައި "ކޮމިޝަންގެ އެކިއެކި ލިޔުންތަކާއި ރެކޯޑިން އަދި އެހެނިހެން ތަކެތި ކޮމިޝަންގެ ގާނޫނާއި ގަވައިދުތަކާއި ނިންމުމާ ހިލާފަށް އާއްމުކުރާ ކުރުމާމެދު ކޮމިޝަނުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް" އެޖެންޑާކޮށްފައި ވިޔަސް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކަންކުރަންވީ ގޮތް ވަރަށް ސާފުކޮށް ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނުން އެނގެން އެބައޮތް ކަމަށެވެ.
"... މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ކަންކުރާންވީ ގޮތެއް ދެނެގަތުމަށްޓަކައި ޖެނެރިކް ގޮތެއްގައި ކޮމިޝަންގެ އެކިއެކި ލިޔުންތަކާއި ރިކޯޑިން އަދި އެހެނިހެންތަކެތި ކޮމިޝަންގެ ގާނޫނާއި ގަވައިދުތަކާއި ނިންމުމާ ހިލާފަށް އާންމުކުރާ ކުރުމާމެދު ކޮމިޝަންގައި މަޝްވަރާކޮށް ގޮތެއް ނިންމާކަށް ޖާގައެއް ނެތެވެ،" ވެލެޒިނީގެ ސިޓީގައި ވެއެވެ.
ޖޭއެސްސީއަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައޅުއްވާފައިވާ މެންބަރުގެ ސިޓީގައިވާ ގޮތުގައި ޖޭއެސްސީގެ އެއްވެސް ލިޔެކިޔުމެއް ރިކޯޑިން އެއް އަދި ސިއްރު އެއްޗެއް ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނާ ހިލާފަށް އެއްވެސް ފަރާތަކުން އާންމުކޮށްފައިވާނަމަ އެފަދަ ކަމެއް ކުރީ ކޮން ފަރާތެއްކަން އަދި އާންމުކުރީ ކޮން ސިއްރެއްކަމާއި އޭގެ ސަބަބުން ލިބިފައި ވަނީ ކޮން ގެއްލުމެއްކަން އެނގޭ ގޮތަށް މައްސަލަ ސާފުކޮށް ލިޔެ ޖޭއެސްސީގެ އެހެން މައްސަލަތައްވެސް ކޮމިޝަނަށް ހުށަހަޅަން އޮން ފަދައިން ތައްޔާރުކޮށް ހަމަޖެހިފައިވާ އުސޫލުން އެޖެންޑާ ކުރަން ޖެހޭނެ އެވެ.
ވެލިޒިނީ ސިޓީގައި ވިދާޅުވެފައި ވަނީ އެފަދަ ކަމެއް ބަލާނަމަ ހިންގާ ގަވައިދުގެ 13 ވަނަ މާއްދާގެ (ރ) ގައިވާ ފަދައިން ޖަލްސާ ބޭއްވުމުގެ 24 ގަޑިއރުކުރިން މެންބަރުންނަށް އެޖެންޑާއާއެކު އެކަމަކާ ގުޅޭ ލިޔުންތައް ފޮނުވައިގެން ގާނޫނު އަސާސީއާއި ގާނޫނާ އެއް ގޮތަށް އަމަކު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި ސިޓީގައި މިއަދު އެޖެންޑާ ކޮށްފައިވާ އިތުރު ދެ މައްސަލައަކާބެހޭ ގޮތުން ވެސް ވެލެޒިނީގެ ހިތްމަ ނުޖެހުން ފާޅުކުރައްވާފައި ވެއެވެ.
ހައިކޯޓަށް ފަނޑިޔާރުން ނެގި އުސޫލާމެދު ހިތްހަމަ ނުޖެހިގެން ޖޭއެސްސީގެ މައްޗަށް ގާޒީއަކު ކުރި ދައުވާގެ މައްސަލައިގައި ޖޭއެސްސީ ވަކާލާތު ކުރުމަށް ކޮމިޝަންގެ ނައިބު ރައީސް ހަމަޖެއްސި ގޮތާ މެދު ޝައްކު އުފެދޭ އޯޑިއޯތަކެއް މިދިޔަ ހަފުތާގައި ލީކްވެ މީޑިއާގައި ފެތުރިގެން ގޮސްފައި ވެއެވެ.