09 Mar 2015, 02:53
ހުއްދަ ނުނަގައި ރެސްޓޯރެންޓެއްގެ ތެރެ ވީޑިއޯ ކުރަމުންދާތީ ކަމަށް ބުނެ ރާއްޖެ ޓީވީގެ ހަތަރު މުވައްޒަފަކު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، ރާއްޖެ ޓީވީގެ ހަތަރު މުވައްޒަފަކު މިރޭ 12:30 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށާއި އެ މީހުން ހައްޔަރު ކުރީ "ހުއްދަ ނުނަގައި ވީޑިއޯ ކުރާތީ" ކަމަށެވެ.
ރާއްޖެ ޓީވީން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ކެފޭ "ލަޔާލީ"ގައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަބްދުލް ބާރީ ޔޫސުފް ބައްދަލު ކުރައްވަމުން ދަނިކޮށް އެތަން ވީޑިއޯ ކުރުމަށް ދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިން، އެސްއޯ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް، ގާޒީ ބާރިއާ ބައްދަލުކުރެއްވި ކަމަށް ރާއްޖެ ޓީވީން ބުނެފައިވާ ވާހަކަ، ޕީޖީ މުހުތާޒް ވަނީ ދޮގުކުރައްވާފަ އެވެ.
"އަޅުގަނޑު އެތަނަށް [ކެފޭ ލަޔާލީ] އަށް ދިޔައިން. އެތަނަށް އަޅުގަނޑު ދިޔައީ ދެ މީހަކާ ވެސް އެއްކޮށް. އަޅުގަނޑު އެތަނަށް ދިޔައިރު ގާޒީ ބާރީ ވެސް އިންނެވި. ނަމަވެސް އެހެން މޭޒެއްގައި އެބޭފުޅާ [ގާޒީ ބާރީ] އިންނެވީ. ދެން އެ ނުވާނެ ދެއްތޯ އަޅުގަނޑާ ގާޒީ ބާރީއާ ބައްދަލުކުރެއްވި ކަމަކަށެއް. އެބޭފުޅުން [ރާއްޖެ ޓީވީގެ ނޫސްވެރިން] ނަކަށް ނުފެންނާނެ އަޅުގަނޑާ ގާޒީ ބާރީއާ އެއް މޭޒެއްގައި އިންނަނިކޮށެއް. އެއީ ހަމަ ކަނޑައެޅިގެން ދޮގެއް،" ޕީޖީ މުހުތާޒު ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ އެތަނަށް ފުލުހުން އައިސް ރާއްޖެ ޓީވީ ނޫސްވެރިން ހައްޔަރު ކުރެއްވި ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ގާޒީ ބާރީ އަކީ މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައާއި އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބައްލަވާ ބެންޗުގައި އިންނަވާ ފަނޑިޔާރެކެވެ.