09 Mar 2015, 01:04
މަދީނާގައި ހުންނަ އަލްމަސްޖިދުއް ނަބަވީ ނުވަތަ ކީރިތި ރަސޫލާ ﷺ ގެ މިސްކިތުގެ މުއައްޛިން (ބަންގި ގޮވާ މީހާ)، އައްޝައިޚް އިޔާދު ބިން އަހުމަދު ބިން އައްބާސް ޝުކްރީ އަންނަ ހަފްތާ ތެރޭގައި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފި އެވެ.
ސަލަފު ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވީ، އެ ޖަމިއްޔާގެ ދައުވަތަކަށް ސައުދީ އަރަބިއްޔާގައި ހުންނަ ޔުނިވާސިޓީ އޮފް މަދީނާގެ އުސްތާޛު ކަންވެސް ކުރައްވަވާ، ޝެއިހް އިޔާދު ޝުކުރީ ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
ޝެއިހް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، މިމަހުގެ 21 ވަނަ ދުވަހުގެ ރޭ މާލޭގައި ބާއްވާ ޖަމްޢިއްޔަތުއްސަލަފުގެ ތައުލީމީ މަޝްރޫއު އިފްތިތާހްކޮށް ދެއްވުމުގެ އިތުރުން ހާއްސަ ދަރުހެއް އެ ރަސްމިއްޔާތުގައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޖަމިއްޔާއިން މިމަހުގެ 23 ވަނަ ދުވަހު ށ. އަތޮޅަށް ކުރާ "ރިޙްލާ" ދަތުރުގައި ވެސް ޝެއިހް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަލީ ރަމީޒު ވިދާޅުވި އެވެ.
ޝެއިހް އިޔާދު ޝުކުރީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.