ހުޅުލެއާ މާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ލެމަން ގްރާސް ސިޓްރޯންގައި ޒުވާނުންނަށް ހާއްސަކޮށްގެން ރައީސް ޔާމީންގެ އަނބިކަނބަލުން މިރޭ ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހުޅެލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖު އަޅައި ނިމުމުން ސިޓްރޯން ހުންނަ ސަރަހައްދަކީ "ކާރުބާރު" ބޮޑު ސަރަހައްދަކަށް ވެގެންދާނެ ކަމަށެވެ.

"މުސްތަގުބަލުގައި ސިޓްރޯން މި ހުންނަ ސަރަހައްދަކީ ކާރުބާރު ބޮޑު ސަރަހައްދަކަށް ވެގެންދާނެ. އެއީ މި ހިސާބުން ލައިގެން ބްރިޖު މި ދަނީ ހުޅުމާލެއާ ހަމައަށް. އަޅުގަނޑުމެންނަށް ޗައިނާ ސަރުކާރުން ކަށަވަރު ކޮށްދެނީ އެބޭފުޅުން އެކުރައްވާ މަސައްކަތުގައި އިރާދަ ކުރެއްވިއްޔާ މި އަހަރު ހުސްވުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ހުޅުމާލޭގެ ބިން ހިއްކުން މި މަހުގެ ތެރޭގައި ނިމިގެން ދާނެ ކަމަށާއި އެއީ ޒުވާނުންނަށް ލިބޭ އިތުރު ކުރި އެރުމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ހުޅުމާލެ ހިއްކައި ނިމި އެތަން ތަރައްގީ ކުރެވެން ފެށުމުން ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ޒުވާނުންނަށް ވަޒީފާގެ މުޅިން އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު އެ އޮތީ ޕްރޮޕޯސަލެއް އައިސްފައި. އެބައެއްގެ އަމިއްލަ ކެޕިޓަލްގައި ހުޅުމާލެއަށް ބޭނުންވާ ހުރިހާ މަގުތަކެއް ހަދައިދިނުމުގެ މަޝްރޫއުގެ ޕްރީ ޑޮކިއުމަންޓޭޝަން މިހާރު އެ އޮތީ އަޅުގަނޑުމެންނާ ހަމައަށް އައިސްފައި. އަޅުގަނޑުމެން ބޭނުން ވަނީ މި މަސައްކަތް ކުރަމުންދާ އިރު ހުޅުމާލެއަކީ އަޅުގަނޑުމެން ކުރިން ދަންނަވާލި ގޮތަށް ޒުވާނުންނަށް ބިނާ ކޮށްދޭ ރަށެއްގެ ގޮތުގައި ވެގެން ދިއުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މަގުމަތި ހަލަބޮލިކޮށް މަގުމައްޗަށް ޒުވާނުން ނުނެރޭނެ ކަމަށާއި އަދި ޒުވާނުން ލައްވައި ކުށެއް ވެސް ނުކުރުވާނެ ކަމަށެވެ. ބައެއް ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ވަދެފައި ހުރުމުން އެ މައްސަލަތައް ކޯޓުން ބޭރުގައި ނިންމައިދެއްވުމަށް އެދެމުންދާ ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ. އެހެންނަމަވެސް "އެކަމެއް ނުވާނެ" ކަމަށް ރައީސް ވިދާޅުވި އެވެ.

"ޕީޖީއާއި މަޖިލީހާއި ވެރިކަމަކީ މިއީ މުޅިން ތަފާތު ތިން ބާރެއް. ޕީޖީން ކުރިއަށް ގެންދާ ކަމަކަށް އަޅުގަނޑަކަށް ބާރެއް ނުފޯރުވޭނެ. އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުމެންނާ ހެދި ޒުވާނުން ކުށެއްގެ ތެރެއަށް ވަންނާކަށް. އެފަދަ ކަމެއް އަޅުގަނޑު ނުކުރުވާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ފާޑު ކިޔަމުންދާތީ އެކަމާބެހޭ ގޮތުން ވެސް ރައީސް މިރޭ ވާހަކަފުޅުދެއްކެވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވާނެ. އަޅުގަނޑުމެން ކުރާ ކަންތަކަށް އެކި ކަންކޮޅުތަކުން ފަރަންޖީން އައިސް ބަސް ކިޔާކަށް. އަޅުގަނޑުމެންގެ ކަންކަމާ ބޭރުގެ މީހުންނަކަށް ނުބެހެވޭނެ. އެޖާގައެއް ނުދޭނަން. އެކަން ކުރަން ނޫޅޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.