އެކްސިޑެންޓެއްގައި ކޯރެއްގެ ތެރެއަށް ވެއްޓި، ބަންޑުން ޖަހާލާފައި އޮތް ކާރެއްގެ ތެރެއިން 18 މަހުގެ ތުއްތު ކުއްޖަކު ދިރިހުއްޓައި ފެނިއްޖެ އެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އުޓާގެ ސްޕެނިޝް ފޯކް ނަމަކަށް ކިޔާ ކޯރަށް ވެއްޓުނު އެ ކާރުގެ ތެރެއިން އެ ތުއްތު ކުއްޖާ ފެނިފައިވަނީ، 13 ގަޑިއިރު ފަހުންނެވެ. ސަލާމަތްކުރުމަށްފަހު އެ ކުއްޖާ ގެންގޮސްފައިވަނީ 50 މޭލު ދުރުގައި ހުންނަ ހޮސްޕިޓަލަކަށެވެ.

އެ ކާރު ދުއްވަން އިން އެ ކުއްޖާގެ މަންމަ ވަނީ އެ ހާދިސާގައި މަރުވެފައެވެ.

ސްޕެނިޝް ފޯކް ޕޮލިސް ޑިޕާޓްމަންޓުން ބުނެފައިވަނީ، އުޓާގެ ސިޓީއެއް ކަމަށްވާ ސަލެމް އިން އަލަބަމާގެ ސިޓީއެއް ކަމަށްވާ ސްޕްރިންގްވިލް އަށް ދަތުރުކުރަމުންދިޔަ އެ ކާރު ކޯރުގެ ތެރެއަށް ވެއްޓިފައިވަނީ ދަތުރުކުރަމުންދިޔަ ބްރިޖުން ކައްސާލައިގެން ކަމަށެވެ.