ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ކުރީގެ ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިރޭ ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީހަށް ދިފާއީ ވަކީލުން ހާޒިރުވެފައިނުވާތީ ޝަރީއަތް ފަސްކޮށްފި އެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ތާވަލް ކުރީ މިއަދު ހަވީރު 4:00 އަށެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނޭ ވީޑިއޯތައް ވަކީލުންނާއެކު ރައީސް ނަޝީދަށް ބެލުމަށް އެކަށީގެންވާ ވަގުތުދިނުމަށް އެ ޝަރީއަތް ފަސްކުރީ މިރޭ 8:00 އަށެވެ.

މިރޭ 8:00 އަށް ޝަރީއަތް ތާވަލްކުރިނަމަވެސް ޝަރީއަތުގެ މަޖިލީހަށް ރައީސް ނަޝީދާއި ދައުލަތުގެ ވަކީލުންގެ އިތުރުން އަޑުއަހާ ފަރާތަކުން ވައްދާފައި ވަނީ އެއްގަޑިއިރު ފަހުންނެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ ދީދީ ވިދާޅުވީ މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދީފައިނުވާތީ މިރޭގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަން އުޒުރުވެރިވާ ކަމަށް ބަޔާންކޮށް ރައީސް ނަޝީދުގެ ވަކީލުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީ ކޯޓަށް ފޮނުވާފައި ވަނީ ޝަރީއަތް ބާއްވަން ތާވަލްކޮށްފައިވާ ގަޑިކަމުގައިވާ 8:00ގެ ފަހުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތު ރައީސް ނަޝީދުގެ ވަކީލުންނަށް ދީފައިވާ ކަމަށް ފަނޑިޔާރުންގެ ބެންޗުން ގަބޫލުކުރާ ކަމަށެވެ. އަދި އެ މައްސަލައިގެ ލިޔެކިޔުންތަކަކީ ކުރިން ވެސް ދޫކޮށްފައިވާ އެއްޗެއް ކަމަށާއި އެހެންކަމުން ވަކީލުންގެ ސިޓީގައި ޝަރީއަތަށް ހާޒިރުނުވާން ދައްކާފައިވާ އުޒުރަކީ މަގުބޫލު އުޒުރެއް ކަމަށް ފަނޑިޔާރުންގެ ބެންޗުން ގަބޫލު ނުކުރައްވާ ކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

"އެއީ މަގުބޫލު އުޒުރެއް ކަމަށް ފަނޑިޔާރުންނަށް ގަބޫލެއް ނުކުރެވޭ. މިއީ [ހާދިސާއަކީ] އިއްޔެއަކު މިއަދަކު ހިނގައިގެން އުޅޭ ކަމެއް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.

ފުލުސް އޮފީހުން ކޯޓަށް ފޮނުވި ސިޓީއެއްގައި އެ މައްސަލާގައި ހިމެނޭ ވީޑިއޯތައް ވަކީލުންގެ ހާޒިރުގައި ރައީސް ނަޝީދަށް ބެލުމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވާ ކަމަށް ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޝަރީއަތަށް ހާޒިރުވާން ދިފާއީ ވަކީލުން އުޒުރުވެރިވެފައިވާތީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން އެބޭފުޅުންނާ މެދު އެޅެންއޮތް ފިޔަވަޅަކީ ކޮބައިތޯ ބަލާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މާދަމާ ރޭގެ ޝަރީއަތުގެ މަޖިލީހަށް ވަކީލަކު ހަމަޖައްސަން ރައީސް ނަޝީދަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ފުރުސަތު ދެއްވާފައެވެ. އަދި ރައީސް ނަޝީދުގެ ފަރާތްޕުޅުން މަދާމާ ރޭ ވަކީލަކު ކޯޓަށް ހާޒިރުނުވިޔަސް މައްސަލަ ކުރިއަށްގެންދާނެ ކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އެކަން އެންގެވުމަށްފަހު މިރޭގެ ޝަރީއަތުގެ މަޖިލީސް ވަނީ ނިންމަވާލައްވާފައެވެ.

ފަނޑިޔާރުން ކޯޓު ރޫމުން ނުކުމެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ ފަނޑިޔާރުންނާ ވާހަކަދައްކަން ފުރުސަތު ލިބިދާނެތޯ އެމަނިކުފާނު އަރިހުގައި ހުންނެވި ކޯޓުގެ މުވައްޒަފަކާ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ނުދެއްވުމުން އެމަނިކުފާނު ވިދާޅުވީ "ޖަލުގައި ހައްޔަރުކޮށްފައި ހުރުމުން" ވަކީލަކު ހަމަޖެއްސެން ނެތް ކަމަށެވެ.