08 Mar 2015, 21:00
މަޖީދީ މަގުން ދުއްވާފައި ދިޔަ ކާރެއްގެ ޑްރައިވަރަށް ފިޓު ޖެހުމުން ކާރު އެކްސިޑެންޓުވެ، ޑްރައިވަރަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ 'ސަން'އަށް ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ މިއަދު 3:30 ހާއިރު މަޖީދީ މަގު އޭއެޗް ބްރަދާސް ކައިރިން ކަމަށެވެ. އަދި އެކްސިޑެންޓުވި ކާރު ގޮސް ޖެހުނީ އެ ހިސާބުގައި ޕާކު ކޮށްފައި ހުރި "ދެތިން" ސައިކަލެއްގައި ކަމަށާއި ނަމަވެސް އެ ސައިކަލުތަކަށް މާ ބޮޑު ގެއްލުންތަކެއް ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފިޓުޖެހުމުން ޑްރައިވަރަށް ފަރުވާދިނުމަށް ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލަށް ކަމަށެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ކާރު ދުއްވަން އިނީ އަހުމަދު ޝަފީގު ކިޔާ މީހެކެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ، މިއަދު ހަވީރު 5:00 ކަންހާއިރު އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.