08 Mar 2015, 17:16
މިއަހަރު ކުރީ ކޮޅުން ފެށިގެން އެފްރިކާގެ މަލާވީއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގައި އެހީތެރިވުމަށް އޭޝިއާއިން ފޮނުވި ޓީމުގައި ދިވެހި ދަރުމަވެރިއަކު ހިމެނިއްޖެ އެވެ.
މިއީ ދުނިޔޭގެ އެހެން ބައްރެއްގައި ހިނގައިގެން އުޅޭ ކާރިސާއެއްގައި އެހީތެރިވުމަށް ދެކުނު އޭޝިއާއިން އެހީތެރިންގެ ޓީމެއް ފޮނުވި ފުރަތަމަ ފަހަރެވެ.
އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް (އައިއެފްއާރުސީ)ގެ ދަށުން ހަރަކާތްތެރިވާ ދެކުނު އޭޝިއާގެ ރީޖަނަލް ޑިޒާސްޓާ ރެސްޕޯންސް ޓީމް (އާރުޑީއާރުޓީ) އިން މަލާވީއަށް ފޮނުވި ޓީމުގައި ހިމެނިފައިވަނީ، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ)ގެ ދަރުމަވެރިއެއް ކަމަށްވާ އުމުރުން 22 އަހަރުގެ މޫސާ ޝިފާޒެވެ.
ސްކައުޓެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ މޫސަ، މަލާވީއަށް ފުރާފައިވަނީ އިއްޔެ އެވެ. ދެކުނު އޭޝިއާއިން ފޮނުވި އާރުޑީއާރުޓީ ޓީމުގައި ދެން ހިމެނެނީ ނޭޕާލް ރެޑް ކްރޮސް ސޮސައިޓީގެ ދަރުމަވެރި އެކެވެ.
ދިވެހި ރެޑް ކްރެސެންޓުން ބުނީ، މޫސަ އަކީ ސަރަހައްދީ ކާރިސާތަކަށް އިޖާބަދިނުމަށް ދެކުނު އޭޝިއާއިން ތަމްރީން ކޮށްފައިވާ ޓީމުގެ މުހިއްމު މެންބަރެއް ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ފިލިޕީންސަށް އެރި ހައިޔާން ތޫފާނަށްފަހު އެގައުމަށް އެހީވުމަށް އެމްއާރުސީން ދަރުމަވެރިއެއް ފޮނުވި ފުރަތަމަ ފަހަރު ވެސް ފޮނުވާފައިވަނީ މޫސަ އެވެ.
މަލާވީ ރެޑް ކްރޮސް ޖަމާއަތުގެ އެދުމުގެ މަތިން ފޮނުވި އެ ޓީމުން މަލާވީގައި ހަރަކާތްތެރިވާނީ ފެންބޮޑުވުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތަކުގަ އެވެ. އަދި އެ ޓީމުން ދެ މަސް ދުވަސް ވަންދެން އެގައުމުގައި ހަރަކާތްތެރިވާނެ އެވެ.
މަލާވީއަށް މިއަހަރުގެ ކުރީކޮޅުން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގައި 60 އަށްވުރެއް ގިނަ މީހުން މަރުވެ 150 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. އަދި އެގައުމުގެ އެއް މިލިއަނަށްވުރެއް ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު، ތިން ލައްކައަށްވުރެއް ގިނަ މީހުން ވަނީ ކާރިސާގެ ސަބަބުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
އައިއެފްއާރުސީން ބުނާ ގޮތުންނަމަ، ފަހުގެ ތާރީހެއްގައި މަލާވީއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ފެނުގެ ކާރިސާއިން އަރައިގަތުމަށް ކުއްލި އެހީގެ ގޮތުގައި 2.7 މިލއަން އެމެރިކާ ޑޮލަރުގެ އެހީއެއް ބޭނުންވެ އެވެ.