08 Mar 2015, 17:08
އެސްޓަން ވިލާގެ އަމިއްލަ ދަނޑު، ވިލާ ޕާކްގައި ރޭ އެ ޓީމާއި ވެސްޓް ބްރޮމްވިޗް އެލްބިއޮން ކުޅުނު އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗަށް ފަހު، ވިލާގެ ސަޕޯޓާރުން ދަނޑު މައްޗަށް އަރައި ހަމަނުޖެހުން ހިންގައިފި އެވެ.
ރޭގެ މެޗަށް ފަހު ސަޕޯޓަރުންގެ އަމަލުތައް ކުށްވެރި ކުރަމުން ވެސްޓް ބްރޮމްގެ ކޯޗް ޓޯނީ ޕުލިސް ވަނީ މެޗަށް ފަހު ދަނޑު މައްޗަށް އެރި ވިލާގެ ސަޕޯޓަރުންނަކީ "ތާކުން ތާކު" ނުޖެހޭ ބައެއް ކަމަށް ބުނެފައެވެ. އަދި އިނގިރޭސި އެފްއޭއިން އެކަމާމެދު ފިޔަވަޅު އަޅާނެކަމުގެ އުންމީދު ފާޅު ކުރަމުން، ޕުލިސް ވަނީ އެފަދަ ކަންކަމަކީ ކުޅުންތެރިންނަށްވެސް ނުރައްކާތެރި ކަމެއް ކަމަށް ބުނެފައެވެ.
"އެއީ ފުޓްބޯޅައިގެ އަގު ވެއްޓޭ ފަދަ ކަމެއް، އަދި އެއީ އަހަރުމެން އެކަކުވެސް ދެކެން ބޭނުންވާ ފަދަ މަންޒަރެއް ނޫން. މި ކްލަބުން އެކަމާމެދު ފިޔަވަޅު ނޭޅިޔަަސް، އިނގިރޭސި އެފްއޭއިން އެކަން ރަނގަޅަށް ތަހުގީގު ކުރާނެކަމަށް އަހަރެން އުންމީދު ކުރަން. އެފަދަ ކަންކަމަކީ ކުޅޭ ކުޅުންތެރިންނަށްވެސް ނުރައްކާވާ ފަދަ ކަންކަން،" ޕުލިސް ބުންޏެވެ.
ރޭ އެސްޓަން ވިލާ އާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ވިލާ ކާމިޔާބު ކުރިނަމަވެސް، މެޗުގެ ފަހު ވަގުތުކޮޅު ސަޕޯޓަރުން ދަނޑު މައްޗަށް އަރައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން ދެ ފަހަރަމަތިން މެޗު މެދު ކަނޑާލަން ޖެހުނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ތެރޭގައި ވިލާގެ ސަޕޯޓަރުން ދަނޑަށް އަރާފައި ވާއިރު، މެޗު ނިމުމުންވެސް ސަޕޯޓަރުން ވަނީ ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގާފައެވެ. އޭގެ އިތުރުން ވެސްޓް ބްރޮމްގެ ސަޕޯޓާރުންވެސް ވަނީ ދަނޑުމައްޗަށް ގޮނޑި ފަދަ ތަކެތި އުކާފައެވެ.
އެ ހާދިސާއަށް ފަހު އެސްޓަން ވިލާއިން ވަނީ އެ ކްލަބުގެ ސަޕޯޓަރުންގެ އަމަލުތައް ކުށްވެރިކޮށް، އެކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ.
"އެއްވެސް ހާލަތެއްގައި ޓީމްގެ ސަޕޯޓަރުން ދަނޑުމައްޗަށް އެރުމަކީ މި ކްލަބުން އެއްބާރުލުން ދޭނެ ކަމެއް ނޫން. ކްލަބަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއްގެ ފޮނިކަން އެމީހުންގެ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވޭ ފަރާތްތަކަކުން ވަނީ ގެއްލުވާލާފަ. އެއީ އެ ސަޕޯޓަރުންގެ އިތުރުން، މި ކްލަބަށްވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތާމައެއް،" ކްލަބް އެސްޓަން ވިލާގެ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ވިލާއިން ނެރުނު ބަޔާނުގައި، އެ ކްލަބުގެ ސަޕޯޓަރުން ހިންގި އަމަލުތަކަށް އިނގިރޭސި އެފްއޭ އާއި ވެސްޓް ބްރޮމްގެ ކުޅުންތެރިންނާއި ސްޓާފުންގެ ފަރާތުން ވަރަށް އިހުލާސްތެރިކަމާއެކު މައާފަށް އެދޭކަމަށްވެސް ވަނީ ބުނެފައެވެ.
ވެސްޓް ބްރޮމްގެ ކޯޗުގެ އިތުރުން، އެވަގުތު ދަނޑުގައި ތިބި މީޑިއާތަކުގެ އެނަލިސްޓުންނާއި ފުޓްބޯޅައިގެ އިސް ފަރާތްތައްވެސް ވަނީ ސަޕޯޓަރުން ހިންގިއަމަލުތައް ކުށްވެރިކޮށް، އެފަދަ ކަންކަމަކީ ގިނަ ފަރާތްތަކަކަށް ގެއްލުންތަކެއްް ލިބުން އެކަށީގެންވާ ފަދަ ކަންތައްތަކެއްކަން ފާހަގަ ކޮށްފައެވެ.