08 Mar 2015, 16:37
މިއަދު ހަވީރު ހަތަރެއް ޖަހާއިރު ބާއްވަން ކުރިން ހަމަޖައްސާފައިވާ އޮތް، ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ ޝަރިއަތް މިރޭ އަށެއް ޖަހާއިރަށް ފަސްކޮށްފި އެވެ.
ޝަރިއަތް ލަސްކޮށްފައި ވަނީ އެންމެ ފަހުން ބޭއްވި ޝަރިއަތުގެ މަޖުލީހުގައި ނަޝީދު އެދިވަޑައިގެންނެވި ގޮތުގެ މަތިން އެ މަނިިކުފާނުގެ ވަކީލުންގެ ހާޒިރުގައި ހެކި ދިރާސާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ވެސް ދޫނިދޫގައި، ނަޝީދާ ދެކޮޅަށް ހުށެހެޅިފައިވާ ލިޔުންތަކާއި ވީޑިއޯ ދިރާސާ ކުރުމުގެ މަސައްކަތް ނަޝީދުގެ ވަކީލުން ދަނީ ކުރައްވަމުންނެވެ.
ރޭގެ ޝަރިއަތުގައި ރައީސް ނަޝީދު ވިދާޅުވީ ދޫނިދޫގައި އެމަނިކުފާނު ހުންނަވާ ތަނުގައި ޓީވީ، ކޮމްޕިއުޓަރު ފަދަ ވަސީލަތްތައް ނުހުންނާތީ ވީޑިއޯ ބެލެން ނެތް ކަމަށެވެ. އަދި ވަކީލުންނާ އެކު ވީޑިއޯތައް ބެލޭނެ ގޮތް ގެއަށް ބަދަލުކޮށްގެން ވެސް ހަމަޖައްސައިދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ދީދީ ރޭ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ވިދާޅުވީ ރައީސް ނަޝީދަށް ވަކީލުންނާ އެކު ވީޑިއޯ ބެލޭނެ އިންތިޒާމް ހަމަޖެއްސޭތޯ ކޯޓުން މަސައްކަތް ކުރާނެ ކަމަށެވެ. އެ ވަސިލަތް މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.