08 Mar 2015, 16:30
ވޮޝިންޓަން (މާޗް 8) : އެމެރިކާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ވަޒީފާ ނެތް މީހުންގެ މައްސަލަ ޙައްލު ކުރުމަށް ޓަކައި ފާއިތުވި 12 މަހުގެ ތެރޭގައި ދެ މިލިޔަން ހަތަރު ލައްކަ ވަޒީފާ އަލަށް އުފައްދާފައިވާކަން އެމެރިކާ ސަރުކާރުން ހާމަކޮށްފި އެވެ.
އެމެރިކާގެ ލޭބާ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 200،00 ވަޒީފާގެ ފުރްސަތު އުފައްދަމުން ގެންދާތާ މިހާރު އެއްއަހަރު ވެއްޖެ ކަމުގަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ވެސް 290،000 ވަޒީފާ އުފައްދާފައިވާނެ ކަމަށާ މިއީ ރެކޯޑް އަދަދެއް ކަމަށް އެމިނިސްޓްރީން ބުނެ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ވަޒީފާ ނެތް އެމެރިކާ ރައްޔިތުންގެ ނިސްބަތް 5.5 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށާއި މިއީ ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަށްކުރުމުގައި ލިބުނު އެކެއް ޕޮއިންޓް ދޭއް އިންސައްތައިގެ ކުރިއެރުމެއްކަމަށް އެމިނިސްޓްރީންގެ ބަޔާން ބުނެ އެވެ.
އެމެރިކާގައި ވަޒީފާގެ ފުރްސަތު މައިގަނޑު ގޮތެއްގައި އިތުރުވަމުން ދަނީ ކޮންސްޓްރަކްޝަން ދާއިރާ އާއި ސިއްޙީ ދާއިރާ އާއި ޓްރާންސްޕޯޓްގެ ދާއިރާގެ އިތުރުން ކޭޓަރިން އާއި ސިނާއަތާ ބެހޭ ދާއިރާގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާގައި އެންމެފަހުން ބޭއްވި ރިޔާސީ ކޭންޕޭންގައި ރައީސް ބަރަކް އޮބާމާ އެންމެ ބޮޑު އިސްކަމެއް ދެއްވާފައި ވަނީ ވަޒީފާގެ ފުރްސަތު އިތުރުކޮށްގެން އެމެރިކާގެ ގައުމީ އިގްތިސާދު ރަނގަނޅު ކުރުމަށެވެ. މިވައުދު ފުއްދުމުގައި އޮބާމާގެ ސަރުކާރު ކާމިޔާބު ކަމަށް ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ފާހަގަކޮށްފައިވެ އެވެ.
އޮބާމާގެ ވެރިކަމުގައި ފާއިތުވި 6 އަހަރުގައި އެމެރިކާ ވަނީ އިގްތިސާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ޙާސިލް ކޮށްފަ އެވެ. މިގޮތުން ޢަސްކަރީ ޚަރަދުތައް ކުޑަކޮށް ވަޒީފާގެ ފުރްސަތުތައް އިތުރުކޮށް ފެޑްރަލް ސަރުކާރުގެ ދަރަނިކުޑަކޮށް އިގްތިސާދު ކުރިއަރާ ރޭޓް މަތިކުރުމުގައި އޮބާމާގެ ސަރުކާރުވަނީ ބޮޑެތި ކާމިޔާބީތަކެއް ޙާސިލް ކޮށްފަ އެވެ. އަސްކަރީ ޚަރަދުތައް ކުޑަކުރުމަށްޓަކައި އޮބާމާގެ ވެރިކަމުގައި އެމެރިކާ ސިފައިން ވަނީ އިރާގުންނާއި އަފްޣާނިސްތާނުން ބާލާފަ އެވެ.
އެމެރިކާގެ އިގްތިސާދު ހީނަރުވެގެން ދިޔައީ ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އެމެރިކާ ގެންގުޅުނު ހަނގުރާމައާއި ތަޅާފޮޅުމުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ. (ނޫސްއެޖެންސީތައް)