ގއ. ވިލިނގިލި ކައުންސިލް ރައީސްގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ބުނެ، ކައުންސިލް އިދާރާ ކުރިމަތީގައި އެ ރަށު ޒުވާނުންތަކެއް މުޒާހަރާ ކުރަން ފަށައިފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ގއ. ވިލިނގިލި ޒުވާނަކު މިއަދު "ސަން" އަށް ބުނީ ކައުންސިލް ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ. އަދި ރައްޔިތުންނަށް "ހިޔާނާތްތެރިވާ" ކައުންސިލަރެއް ކައުންސިލް އިދާރާގައި ހުރިކަން ރައްޔިތުންނަށް އަންގައިދޭން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"ރައްޔިތުން ހޮވާފައިވާ ކައުންސިލެއް ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ ޒިންމާއެއް. އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ސުލްހަވެރި އިހުތިޖާޖެއް. ރައްޔިތުންނަށް އެނގެން ޖެހޭ މި ރަށު ކައުންސިލް އިދާރާގައި ހުރި ކައުންސިލްގެ ރައީސަކީ ރައްޔިތުންނަށް ހިޔާނާތްތެރި ވެފައިވާ މީހެއްކަން. ރައްޔިތުންނަށް މިކަން އެނގެން ޖެހޭ،" ވިލިނގިލިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ކައުންސިލްގެ ރައީސް އަކަށް ހުންނެވި ނިޔާޒު ނިޒާރު ރަށުގައި ތިއްބެވި އެހެން ކައުންސިލް މެމްބަރުންގެ ސޮއި އެ ފަރާތްތަކަށް ނޭނގި ވަގަށް ނަގައި ކައުންސިލްގެ ލިޔެކިއުންތައް ބަދަލުކޮށް ކައުންސިލްގެ ރައީސްގެ ގާތް މީހުންނަށް ގޯތި ދޫކުރަމުން އަންނަ ކަމަށެވެ.

ވިލިނގިލި ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު މިއަދު "ސަން" އަށް ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ދާދި ފަހުން ކައުންސިލްގެ އެހެން މެމްބަރުން ނަގަން އުޅުއްވި ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަދި ވެސް އެބޭފުޅުން އެކަމުގައި އުޅުއްވަނީހެން. ދެން އަޅުގަނޑުގެ ވިއަސް އެހެން ބޭފުޅެއްގައި ވިއަސް ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެއްޖިއްޔާ ދައުލަތުގެ މުއައްސަސާތަކުން އެކަން ބަލާނެ." ނިޔާޒު ވިދާޅުވި އެވެ.