08 Mar 2015, 15:43
އިސްލާމިކް ސްޓޭޓް ( އައިއެސް) އިން އިރާގު ސިފައިންގެ ހަނގުރާމަމަތީ ދެ މަތިންދާބޯޓެއް ވައްޓާލައިފި އެވެ.
ތުރުކީގެ އަނާޑޮލު ނޫހުން އިއްޔެ ބުނީ 24 ގަޑި އިރުގެ ތެރޭގައި އައިއެސް އިން އިރާގު ސިފައިންގެ ދެ މަތިންދާބޯޓެއް ވައްޓާލައިފައިވާ ކަމަށެވެ. އަދި ބުނީ އެ ދެ މަތިންދާބޯޓްގައި ތިބި މީހުންނަށްވީ ގޮތެއް ނޭނގޭ ކަމަށެވެ. އަދި ބުނީ އެ ދެބޯޓްގައި ތިބީ ކިތައް މީހުން ކަމެއް ވެސް ނޭނގޭ ކަމަށެވެ.
އައިއެސް އިން ސޯޝަލް މީޑިއާގައި އިއްޔެ ހަބަރު ފަތުރާގައި ވަނީ ދެ މަތިންދާބޯޓާއި ހެލިކޮޕްޓަރެއް ވައްޓާލާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ވައްޓާލި ދެބޯޓާއި ހެލިކޮޕްޓަރު ވެސް ވައްޓާލާފައި ވާނީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮން އަޅަމުން ދަނިކޮށް ކަމަށެވެ.
ސީރިއާއާއި އިރާގުން ބޮޑު ބައެއް ކޮންޓްރޯލް ކުރަމުން އަންނަ އިއެސްގެ ބާރުގެ ދަށުގައިވާ އިރާގުގެ މައި ރަށެއް ކަމަށްވާ ތިކުރީތު ހިފުމަށް އިރާގު ސިފައިން ދަނީ ހަނގުރާމަ ކުރަމުންނެވެ. އަނެއްކޮޅުން އައި އެސް އިން ދަނީ އަންބާރު ޕްރޮވިންސްގެ ވެރިރަށް ރަމާދީ ހިފުމަށް ހަމަލާތައް ދެމުންނެވެ. އައިއެސްއާއި އިރާގު ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ދެ ފަރާތުން ވެސް ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.