ހައްގުގެ ނަމުގައި އަންހެނުން ލައްވައި ތަފާތު އެކި ކަހަލަ ކުށްތައް ކުރުވުން މުޖުތަމައުގައި އާންމުވަމުންދާ ކަމަށާއި އެކަން ހުއްޓުވަން ޚާއްސަ މަސައްކަތްތަކެއް ކުރާން ޖެހިފައިވާ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަސް ކަމަށް ވާތީ، މި މުނާސަބަތާ ގުޅުވައިގެން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ރަފިއްޔާ ވިދާުވީ އަންހެނުންނަކީ މުޖުތަމައު އިސްލާހުގެ މަގުން ކުރިޔަށް ގެންދިއުމުގެ ރިވެތި މަގު ދަރީންނަށާއި އާއިލާ އަށް ދައްކަން ޖެހޭ މީހުން ކަމަށެވެ. އެހެން ނަމަވެސް އަންހެނުންނަށް މަގު އޮޅުވާލައި ގާނޫނާއި ގަވައިދު ތަކަށް އަރައިގަތުމަށް ހިތްވަރުދޭ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުން އަންހެންވެރީން މަގުތަކަށް ނެރެނީ. އަންހެނުން ލައްވައި ގާނޫނު ތަކާއި ގަވައިދުތައް މުގުރުވަނީ. ގިނަފަހަރަށް އެކަން މިކުރުވަނީ އަންހެނުންނަށް އޮޅުވައިލައިގެން ކޮންމެވެސް އެހެން ނަމެއްގައި އަޅުވައިގެން. އޭގެ ތެރެއިން އެންމެ އާންމު ގޮތަކީ ހައްގުގެ ނަމުގައި ކަންކަން ކުރުވުން. މީ އަޅުގަނޑުމެން މިއަދު ވަރަށް ކަންބޮޑުވާ ކަމެއް،" ރަފިއްޔާ ވިދާޅުވި އެވެ.

ރަފިއްޔާ ވިދާޅުވީ ގިނަ އަންހެނުންނަކީ ހައްގަށް ލޯބިކުރާ އަދި ހައްގު ހޯދަން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުންނަ މީހުން ކަމަށެވެ. އެހެންކަމުން އެ ޝައުގުވެރިކަމުގެ ފައިދާ ނަގައިގެން އަންހެނުން ލައްވައި ގާނޫނުތައް މުގުރުވާން މަސައްކަތް ކުރާ މީހުން އެ ކުރުވާ އަމަލުތަކުގެ ސަބަބުން މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަންހެނުންނަކީ އާއިލާ ތަރުބިއްޔަތު ކުރުމުގެ މުހިންމު ޒިންމާ ކޮނޑުގައި އަޅައިގެން ތިިބޭ މީހުން ކަމަށް ވާތީ، އެ މީހުންގެ ފުށުން ފެންނަ މިފަދަ އަމަލުތަކުން އަމިއްލަ ދަރީންނާއި މުޅި އާއިލާ ވެސް ހަލާކުގެ މަގަށް ހުށަހެޅޭތަން އަންނަ ކަމަށް ރަފިއްޔާ ފާހަގަކުރެއްވި އެވެ. މި ކަމަށް ޚުދު އަންހެނުން ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސާސީ ހައްގުތަކުގެ ނަމުގައި އަންހެނުން ލައްވައި ކުށް ކުރުވާ މީހުން އެ ކުރާ ކަންކަން، އެކަންކަން ބަލާން ޖެހޭ ދައުލަތުގެ މުއައްސާތަކުން މިހާރަށް ވުރެ ގާތުން ބަލައި ހުއްޓުވާން އަޅާން ޖެހޭ ގާނޫނީ ފިޔަވަޅު އަވަސްކުރާ ޖެހޭ ކަމަށެވެ. މިކަން އެނގިތިބެ ފިޔަވަޅު ނާޅާ ނަމަ އެއީ ގައުމުގެ މިހާރާއި މުސްތަގުބަލަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަފިއްޔާ އިތުރަށް ވިދާޅުވީ މިއަދުގެ ސަރުކާރުން އަންހެނުންނަށް އެމީހުންގެ ހައްގު މަގާމު ހޯއްދަވައިދެއްވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ތައުލީމުގެ ފުރުސަތުތައް ފަހި ކުރުމާއި އާންމު ވަޒީފާ ތަކުގެ އިތުރުން ސިޔާސީ މައިދާނަށް އަންހެނުން ނެރުމަށް ވެސް ސަރުކާރުުގެ ހަރުދަނާ ވިސްނުމެއް އެބަ އޮތް ކަމަށެވެ.

އަންހެނުން ބާރުވެރިކޮށް އެ މީހުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެމްޑީއޭ ޕީޕީއެމް ކޯލިޝަނުން ކުރާ މަސައްކަތްތައް ކުރިޔަށް އޮތް ތަނުގައި މިހާރަށް ވުރެ ވެސް އިތުރުކޮށް ފުޅާ ކުރެވޭނެ ކަމަށް ވެސް ރަފިއްޔާ ވިދާޅުވި އެވެ.

ބައިނަލް އަންހެނުންގެ ދުވަހުގެ މުނާސަބާގައި، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ޕާޓީގެ ކައުންސިލާއި އާންމު މެންބަރުންގެ ނަމުގައި ރާއްޖޭގެ އެންމެހާ އަންހެން ބޭފުޅުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާ ކަމަށް ވެސް ރަފިއްޔާ ވިދާޅުވި އެވެ.