ސްޕެނިޝް ލީގު ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް ރޭ ލީގުގައި ކުޅުނު މެޗުން ބަލިވުމުން، ތާވަލްގެ އެއްވަނަ ހޯދުމަށް ބާސެލޯނާ ކުރަމުންދާ މަސައްްކަތުގައި ކުލަ ޖެހިއްޖެއެވެ.

ރޭގެ ނާކާމިޔާބީ އާއެކު ތާވަލްގެ އެއްވަނަ ގިނަ ދުވަސްތަކެއް ވަންދެން ހިފައްޓަމުން ދިޔަ ރެއާލް ވަނީ ރޭގެ މެޗުގެ ކުރިންވެސް އެ ޓީމަށް ލިބިފައިވާ 61 ޕޮއިންޓާއެކު ފަރުޖައްސާލަން ޖެހިފައެވެ. އަދި އެ ޓީމާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އޮތް ބާސާ މިރޭ ލީގުގައި ރަޔޯ ވެލެކާނޯއާ ދެކޮޅަށް ނިކުންނައިރު، އެ މެޗު ބާސާ ކާމިޔާބު ކޮށްފި ނަމަ، އެ ޓީމަށް ތާވަލްގެ އެއްވަނަ ލިބިގެން ދާނެއެވެ.

ލީގު ތާވަލްގައި ރެއާލް އާއި ބާސާއާ އެންމެ ގާތުން ވާދަކުރާ އެތުލެޓިކޯ މެޑްރިޑް މިހާރު ތާވަލްގެ ތިންވަނައިގައި 54 ޕޮއިންޓާއެކު އޮތްއިރު، އެ ޓީމާ ދެކޮޅަށް މިރޭ ނިކުންނަ ވެލެންސިޔާ ތާވަލްގެ ހަތަރު ވަނައިގައި އޮތީ އެތުލެޓިކޯއަށް ވުރެ އެއް ޕޮއިންޓް މަދުންނެވެ. އެހެން ކަމުން މިރޭގެ މެޗުން އެތުލެޓިކޯ ބަލިވެއްޖެ ނަމަ، ވެލެންސިޔާއަށް ތާވަލްގެ ތިންވަނައަށް އެރުމުގެ ފުރުސަތު ވަނީ ތަނަވަސް ވެފައެވެ.

ތާވަލްގެ އެއްވަނައިގައި މި ސީޒަންގައި ރަސްކަން ކުރަމުން ދިޔަ ރެއާލް، ރޭ ބަލިވެފައި ވަނީ 33 ޕޮއިންޓާއެކު މިހާރު ތާވަލްގެ އަށްވަނައިގައި އޮތް އެތުލެޓިކް ކްލަބް އަތުން 1-0 ގެ ނަތީޖާއަކުން ނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު 26 ވަނަ މިނެޓުގައި އެތުލެޓިކް ކްލަބަށް ކާމިޔާބު ކޮށްދިނީ މިކެލް ރީކޯ ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން އެ ޓީމްގެ ފޯވާޑް އެރިޓްސް އެޑުރިޒް އެވެ.

މެޗުގައި ގިނަ ވަގުތުކޮޅު ބޯޅަ ހިފައްޓައިން ކުޅެމުން ދިޔައީ ރެއާލް އެވެ. ނަމަވެސް އެ ޓީމަށް ވަނީ އެތުލެޓިކް ކްލަބްގެ ޑިފެންސް ފޫއަޅުވާލާ، ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭ ގޮތް ނުވެފައެވެ. މެޗުގެ ލީޑު އެތުލެޓިކް ކްލަބް ނެގުމުން، ފުރަތަމަ ހާފް ނިންމާލިއިރު، ރެއާލްއަށް ވަނީ އެ ޓީމްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

މެޗުގެ ދެވަނަ ހާފްގައި ރެއާލް ރަނގަޅު ފުރުސަތުތަކެއް އުފެއްދި ނަމަވެސް، އެތުލެޓިކް ކްލަބްގެ ޑިފެންޑަރުން ވަނީ ހުށިޔާރު ކަމާއެކު ރެއާލްގެ ފޯވަޑް ލައިންގައި މަސައްކަތް ކުރަމުން ދިޔަ ރޮނާލްޑޯ އާއި ބެންޒެމާ ހުއްޓުވާފައެވެ.

އެ ހާފްގައި ރެއާލްގެ އެންމެ ނުރައްކާތެރި ހަމަލާ ފެނިގެން ދިޔައީ ހާފްގެ ފަހުކޮޅު ބޭލް ނަގައިދޭން މަސައްކަތް ކުރި ހުރަހުންނެވެ. ނަމަވެސް އެތުލެޓިކް ކްލަބްގެ ކީޕަރު ގޯކާގެ ބޯމަތިން ދިޔަ ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. އަދި ހާފްގެ ފަހުކޮޅު އެތުލެޓިކް ކްލަބަށްވެސް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައިރު، އެ ޓީމަށް އެ ފުރުސަތުގެ ބޭނުން ވަނީ ހިފޭގޮތް ނުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ. ފަސޭހަ މޮޅަކަށް އުންމީދުކުރި ރެއާލް ރޭ އެތުލެޓިކް ކްލަބްގެ އަމިއްލަ ދަނޑުގައި ކުޅެ އެ ޓީމް އަތުން ބަލިވިއިރު، އެންމެ ފަހުން ރެއާލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ރެއާލް ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.