08 Mar 2015, 15:01
ރާއްޖޭގެ ގާނޫނީ ނިޒާމުގައި މައްސަލަތަކެއް ހުރުމުން އެކަމާ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް 70 އަށް ވުރެ ގިނަ ވަކީލުން ސޮއިކޮށް ބައެއް މިނިވަން މުއައްސަސާތަކަށާއި އަދި ދައުލަތުގެ ބައެއް އޮފީސްތަކަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ޕެޓިޝަން ހުށަހަޅާފައި ވަނީ 70 ގާނޫނީ ވަކީލުންނާއި އަދި ގާނޫނީ ވަކީލުކަން ކިޔަވާ 34 ދަރިވަރަކު ސޮއިކޮށެވެ. މި ޕެޓިޝަން ހުށަހަޅާފައިވާ އިދާރާތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ބަންޑާރަ ނައިބުގެ އޮފީހާއި އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އެވެ.
އެޗްއާރްސީއެމް އަށް ޕެޓިޝަން ހުށަހެޅުމަށް ފަހު ނުކުމެވަޑައިގެން މިކަމުގައި އިސްކޮށް ހުންނެވި ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ފާތިމަތު ދިޔާނާ ސައީދު ވިދާޅުވީ ޕެޓިޝަންގައި ޖުމުލަ ހަތް ނުކުތާއެއް ފާހަގަކޮށްފައިވާނެ ކަމަށެވެ. ދިޔާނާ ވިދާޅުވީ ޖިނާއީ އަދުލުގެ ބައެއް ހަމަތަކާއި ޚިލާފަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މައްސަލަތެއް ހިނގަމުންދާ ކަމަށެވެ.
ދިޔާނާ ވިދާޅުވީ ރައްޔިތުންގެ ހައްގުތަކަށް ހުރަސް އެޅެމުންދާތީ އެކަންކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.
"މައިގަނޑު ހަތަރު ކަންބޮޑުވުމެއް އިނގޭތޯ އޮތީ، އެއްކަމަކީ އަޅުގަނޑުމެން މި ފާހަގަކުރަނީ ދިވެހި ރާއްޖޭގެ އެންމެނަށް ވެސް ހުރިހާ ރައްޔިތުންނަށް ވެސް ދާއިމީ ކަށަވަރުކަމެއް ލިބިގެން ދަނީ ވަކި ނިޒާމެއްގެ ތެރެއިން. އެއީ އެއް ހަމައެއްގައި އެންމެނަށް ވެސް އެޕްލައި ކުރެވޭ ނިޒާމެއް. ވަކި ވަކި ޕަވާ ހޯލްޑަރުންގެ އަތްމަތިންނެއް ނޫނޭ ކަށަވަރުކަން އޮތީއެއް. ދެވަނަ ކަންބޮޑުވުމަކީ ގާނޫނާއި ގަވާއިދާ ކަންކަން އެހެން ނުރަނގަޅު ގޮތްގޮތަށް މާނަ ކުރެވިގެން ނިޒާމުގެ ތެރެއިން ދިޔައިމާ އެކަންކަން އެއީ ހަމަތަކެއްގެ ގޮތުގައި ބެލި އެކަންކަން ނިޒާމުގެ ތެރެއިން ތަކުރާރު ވެގެން ދިއުމުގެ ފުރުސަތު އެބައޮތޭ،" ދިޔާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމުގެ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ޝަރުއީ ނިޒާމާއި މެދު އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ދިޔާނާ ވަނީ އިސްތިއުނާފު ކުރުމުގެ މުހުލަތު ކުޑަކޮށްފައިވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. އަދި ހަމައެއާ އެކު ބަންދުގެ މުއްދަތު ކޯޓުތަކުން އިތުރު ކުރާ ގޮތުން ވެސް އޭނާ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވާފައި އެވެ.