ރާއްޖޭގެ ސްވިމިންގް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ސްވިމަރސް ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، ސްޕޯޓްސް އިންޖަރީ އާއި ނިއުޓްރިޝަންއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ސްވިމިންގް އެސޯސިއޭޝަނުން ހާއްސަ ސެޝަންއެއް ބާއްވައިފިއެވެ.

ސްޕޯޓްސް އިންޖަރީ އާއި ސްޕޯޓްސް ނިއުޓްރިޝަންއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި އެ ސެޝަންގައި ގައުމީ ސްވިމިންގް ސްކޮޑުގައި ހިމެނޭ ފެތުންތެރިންނާއި ފެތުތެރިންގެ ބެލެނިވެރިންވެސް ބައިވެރި ވެފައި ވާކަމަށް ސްވިމިންގް އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

އެ ސެޝަންގައި ފެތުންތެރިންނަށް ބޭނުންވާ ފައިދާ ހުރި ކާނާއާއި އެކި ކަހަލަ އިންޖަރީތަކަށް ފަރުވާދޭނެގޮތުގެ އިތުރުން އެފަދަ އިންޖަރީތައް މެދުވެރިވުން ދުރުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.

އިއްޔެ ޖަމާލުއްދީން ސްކޫލްގެ އޯޑިއޯ ވިޝުއަލް ރޫންގައި ބޭއްވި އެ ސެޝަންގައި، ބައިވެރިވި ބެލެނިވެރިންނަށާއި ފެތުންތެރިންނަށް މައުލޫމާތު ދީފައި ފިޓްނަސް އިންސްޓްރަކްޓަރު މުޙައްމަދު ފަޔާޒު (ފިއްޓޭ) އާއި ނިއުޓްރިޝަނިސްޓު މުޙައްމަދު ރަޝީދު އެވެ.

ސްވިމިންގް އެސޯސިއޭޝަނުން މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައި ވާއިރު، މި އަހަރު އެ އެސޯސިއޭޝަނުން ބާއްވަން ރޭވި އެންމެ ފުރަތަމަ މުބާރާތް، އެސްޑީޕީ ސްވިމިންގް ކޮންޕެޓިޝަން ވަނީ ފަސްކޮށްފައެވެ. އެ އެސޯސިއޭޝަނުން ބުނީ އެ މުބާރާތް ފަސްކުރީ ޔޫތު މިނިސްޓްރީއާ ގުޅިގެން އެ އެސޯސިއޭޝަނުން މާލޭގައި ގާއިމްކުރާ ފްލޯޓިންގް ޕްލެޓްފޯމްގެ މަސައްކަތް އަވަސް ސްޕީޑެއްގައި ނިންމުމަށް ކަމަށެވެ.

މާލޭގެ އިތުރުން އައްޑު ސިޓީގައިވެސް ފްލޯޓިންގް ޕްލެޓްފޯމެއް ގާއިމްކުރަން ނިންމާފައި ވާއިރު، އެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު މާލެ ގެނެސްފައި ވާކަމަށް މިދިޔަ ހަފްތާގައި އެ އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ދެ ޕްލެޓްފޯމްގެ މަސައްކަތް މިމަހުގެ ތެރޭ ނިންމާލެވޭނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.