08 Mar 2015, 14:52
ފުލުހުންގެ މައްޗަށް ތުހުމަތުކުރެވޭ ތިން މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހުލޫފު ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ 241 ކޮމިޓީއަށް މަހުލޫފު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲގެ ސައިކަލު ފުލުހުންގެ ބަޔަކު އަންދާލާފައިވާ ކަމަށް ބުނާ މައްސަލައާއި އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ހަށިކޮޅަށް ގެއްލުންވާ ގޮތަށް ޕޭމެންޓް ގަލަކުން ފުލުހުން ހަމަލާ ދީފައިވާ ކަމަށް ބުނާ މައްސަލައެއް ހިމެނެ އެވެ. އަދި އޭގެ އިތުރުން މަޖީދީމަގުގެ އެކި ހިސާބުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ކަނޑާލާފައި ވަނީ ފުލުުހުން ކަމަށް ޝައްކު ކުރެވޭތީ އެމައްސަލަ ބަލާދިނުމަށް ވެސް މަހުލޫފު ވަނީ މިއަދު ހުށަހަޅުއްވާފަ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްގެ އެޕާޓުމެންޓުން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނި މައްސަލަ ބަލައިދިނުމަށް ތިން މެންބަރަކު ސޮއިކުރައްވައި 241 ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ ބަލާފައިނުވާތީ އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ވެސް މަހުލޫފު މިއަދު ވަނީ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ބަލަމުންދާ މައްސަލައަކަށް ވާތީ އެ މައްސަލައާ ބެހޭ ގޮތުން އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.
މަޖީދީމަގުގައި ސިޓީ ކައުންސިލުން އިންދާފައި ހުރި ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުން ކަމަށް ބުނެ މީގެ ކުރިން ދައްކާފައިވާ ވާހަކަތަކަށް ރައްދުދެއްވައި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެފައި ވަނީ ރުއްތައް ކެނޑުމުގައި ހަރަކާތްތެރިވީ ފުލުހުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އެ ވާހަކަތައް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެފަދަ ކަމެއް ފުލުހުން ނުކުރާނެ ކަމުގެ ޔަގީން ކަން ވެސް ސީޕީ ދެއްވި އެވެ. އަދި އެފަދަ ވާހަކަތައް ދެއްކުން ހުއްޓާލުމަށް ވެސް ސީޕީ ވަނީ ގޮވާލައްވައިފަ އެވެ.