އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން 6000 ރުފިޔާގެ މަގުން ޑިއުޓީ މާފްކޮށްދެމުން އައި އުސޫލަށް ބަދަލު ގެނެސް ޑިއުޓީގެ އިނާއަތް ތިން މަހުން ދޭ ގޮތަށް އަންނަ އޭޕްރީލް މަހުން ފެށިގެން އަމަލުކުރަން ނިންމައިފި އެވެ.

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަތަކެތިން ޑިއުޓީ މައާފް ކުރުމުގެ އުސޫލް އަލަށް ގެނައި ބަދަލާ އެކު ޑިއުޓީ މާފްކޮށްދިނުން އިސްތިސްނާވާ ހާލަތްތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން ކުރިއާ ހިލާފަށް މިހާރު 35 ޕަސެންޓަށް ވުރެ އިތުރަށް ޑިއުޓީ ނަގާތަކެއްޗާއި ވިޔަފާރި މުދަލުގެ ގޮތުގައި ކަސްޓަމްސް އަށް ގަބޫލުކުރެވޭ ތަކެތިން ޑިއުޓީ އިނާއަތް ނުދިނުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖެ އެތެރެކުރާ އެއްޗަކަށް 6000 ރުފިޔާގެ މަގުން ޑިއުޓީ މާފްކޮށްދިނުމަށް ދެން އެމީހަކަށް ޑިއުޓީ މާފްވާގޮތަށް އެއްޗެއް އެތެރެކުރެވޭނީ ތިން މަސް ފަހުން ކަމަށް އެއުސޫލުގައި ބުނެފައިވެއެވެ. ނަމަވެސް އެމީހަކު ގެންނަތަކެއްޗަށް 6000 ރުފިޔާ ނާރާނަމަ ލިމިޓެއް ނެތި އެތެރެކުރެވޭނެއެވެ.

"އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އަގު 6000 ރުފިޔާއަށް ވުރެ ބޮޑުވުމުގެ ސަބަބުން އެތަކެތީގެ އަގުން 6000 ރުފިޔާ އުނިކުރުމަށް ފަހު ތަކެތި ދޫކުރެވިފައިވާ ނަމަ ދެން އެފަރާތަކަށް އެގޮތުގެ މަތީން 6000 ރުފިޔާ އުނިކުރުމަށް ފަހު ތަކެތި ދޫކުރެވޭނީ އެންމެ ފަހުން ތަކެތި ދޫކުރެވުނު ތާރީހުން ފެށިގެން ތިން މަސް ދުވަސް ހަމަވުމުން" ޑިއުޓީ މާފް ކުރުމުގެ އުސޫލަށް އަލަށް ގެނެވުނު ބަދަލުގައި ބުނެފައިވެ އެވެ.

ކަސްޓަމްސްގެ ސީނިއާ ސްޕްރިންޑެންޓް އަހުމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ އެގޮތަށް އުސޫލް ބަދަލުކުރީ ލިމިޓެއް ނެތުމުން ގިނަ އަދަދެއްގެ ތަކެތި އެގޮތަށް އެތެރެކުރަމުންދާތީ ކަމަށެވެ. މިހާރު އަލަށް ގެނައި ބަދަލާއެކު އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކުން ގެންނަ ތަކެއްޗަށް 6000 ރުފިޔާގެ އިނާއަތް ލިބޭނީ ކޮންމެ ތިން މަހުން އެއްފަހަރު ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން އަމަލު ކުރާގޮތުން ދަތުރުވެރިން 6000 ރުފިޔާއިން ދަށުން ޑިއުޓީއެއް ނުނަގާނެއެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު އެވަނީ ލިމިޓެއް ހިމަނާފައެވެ. މިހާރުގެ އުސުލް ބުނާގޮތުން ހިލޭ ބެހުމަށް ގެންނަތަކެއްޗާއި ކޮމާޝަލް ވެލިޔު ނުހުންނަތަކެތި ޑިއުޓީ މާފްވެގެން ދެއެވެ.

މިހާރުވެސް އަމަލުކުރާ އުސޫލު ބުނާގޮތުން އަންނައުނާއި ގަހަނާ އާއި އަތުކުރީ ގަޑިޔާއި ކެމެރާ އާއި ލެޕްޓޮޕްގެ ފަދަ ތަކެތިން ޑިއުޓީ މާފްކޮށްދެ އެވެ. ހަމައެހެންމެ 200 ސިނގިރޭޓާއި 25 ސުއްޓާ އާއި 250 ގުރާމްގެ ދުންފަތް ވެސް ޑިއުޓީއަކާއި ނުލައި އެތެރެކުރެވެ އެވެ. ހަމައެހެންމެ ތައުލީމް ހާސިލް ކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކުން ގެންނަ ފޮތްތަކާއި ޕުރޮފެޝަނަލް އިކުއިޕްމެންޓާއި ކޮމްޕިއުޓަރު ފަދަ ތަކެތި ހިމެނެ އެވެ.

ހަމައެހެންމެ އެއުސޫލުން ގިނަ ދުވަސްކޮށްފައި ރާއްޖެއަށް އަނބުރާ އަންނަ ފަރާތްތަކަށް ގެނެވޭތަކެއްޗަށް ބޮޑު އިނާޔަތެއް ލިބިގެންދެ އެވެ. އެގޮތުން ހަ މަހާއި އެއް އަހަރާއި ދޭތެރޭ މުއްދަތެއް ކޮށްފައި ރާއްޖެ އަންނަ ފަރާތްތަކުން ގެންނަ ތަކެތިން 9000 ރުފިޔާ ޑިއުޓީއިން މާފްކޮށްދޭ އިރު އެއްއަހަރާއި ތިން އަހަރުގެ މުއްދަތެއް ހޭދަކޮށްފައި އަންނަ ފަރާތްތަކަށް 11500 ރުފިޔާގެ އިނާޔަތެއް ދޭއިރު ތިން އަހަރަށްވުރެ ގިނަ ދުވަހު އުޅެފައި އަންނަ ފަރާތްތަކަށް 14000 ރުފިޔާގެ ތަކެތިން ޑިއުޓީ މާފްކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.